ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:16
އިންޑިއާގެ ސުޕްރީމް ކޯޓު
އިންޑިއާގެ ސުޕްރީމް ކޯޓު
އިންޑިއާގެ ފުޓުބޯޅަ އިދާރާ ސަސްޕެންޑުކުރުން
އޭއައިއެފްއެފްގެ ހިންގުން ހަވާލުކުރި އެޑްމިނިސްޓްރޭޓިވް ކޮމެޓީ އުވާލަން އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފި
 
ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ ކުރިން އެކުލަވާލި ކޮމެޓީ އުވާލާ، އެ އިދާރާގެ ހިންގުން ވަގުތީ ސެކެޓްރީ ޖެނެރަލާ ހަވާލުކުރުމަށް

އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ހިންގުން ހަވާލުކޮށްފައިވާ އެޑްމިނިސްޓްރޭޓިވް ކޮމެޓީގެ މަސައްކަތްތައް ނިމުމަކަށް ގެނެސް، އެ ކޮމެޓީ އުވާލަން އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމީ އޭއައިއެފްއެފްގެ ރައީސް ކަމުގެ މަގާމުގައި ހުރި ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މަގާމުން ދުރުކުރާށެވެ. އެއަށްފަހު ސުޕްރީމް ކޯޓުން ވަނީ އެއިދާރާގެ ހިންގުން އެޑްމިނިސްޓްރޭޓިވް ކޮމެޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމެޓީ ވެސް އެކުލަވާލީ ސުޕްރީމް ކޯޓުންނެވެ. ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ އެ ގައުމުގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް، އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީއެވެ. މި ކޮމެޓީގެ އިސް ފަރާތަކީ ކުރީގެ ފަނޑިޔާރު އަނިލް ރަމޭސައެވެ.

އެކަން އެގޮތަށް އޮއްވާ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް ބުނެ ފީފާ އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިއާ ސަސްޕެންޑުކޮށްފައެވެ. ފީފާ އާއި އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ އިންޑިއާގެ ފުޓުބޯޅަ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ އޭއައިއެފްއެފްއަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އެ އިދާރާ ހިންގަން ފެށުމާއެކު ސަސްޕެންޝަން އުވާލާނެ ކަމަށް ފީފާއިން ވަނީ އަންގާފައެވެ.

ސަސްޕެންޝަންގެ ސަބަބުން އިންޑިއާގެ ފުޓުބޯޅައަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދާއިރު، އެ ގައުމުގެ ކުޅިވަރު ވުޒާރާއިން ވަނީ ސުޕްރީމް ކޯޓުގެ އެހީއާއެކު ސަސްޕެންޝަނުން ސަލާމަތްވާނެ ގޮތްތަކެއް ހޯދަން ފަށާފައެވެ. ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ ކުރިން އެކުލަވާލި ކޮމެޓީ އުވާލާ، އެ އިދާރާގެ ހިންގުން ވަގުތީ ސެކެޓްރީ ޖެނެރަލާ ހަވާލުކުރުމަށެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ފީފާއިން އެދިފައިވާ ގޮތަށް އެ އިދާރާގެ އަސާސީ ޤަވާއިދު ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެއާއެކު ކުރިން ސެޕްޓެމްބަރު މަހުގެ 15 ގައި ބާއްވަން އޮތް އިންތިޚާބު އެއް ހަފްތާއަށް ވަނީ ފަސް ވެސް ކޮށްދީފައެވެ.

ފީފާގެ ސަސްޕެންޝަނުގެ ސަބަބުން އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ނުބޭއްވޭނެއެވެ. އޭއައިއެފްއެފްގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރާނެ ކަމަށް ގިނަ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު ކަލްޔަން ޗައުބޭވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް