ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 19:21
ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ރައީސް އޮފީސް
އައްޑޫ ސިޓީގެ މަސައްކަތްތައް
ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އައްޑޫސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން، ގުޅިގެން މަސައްކަތްކުރާނަން: ރައީސް
ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެ ސިޓީގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި
ރައީސް ވަނީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައި
އައްޑޫގެ ކަންކަން ގާތުން ބައްލަވާތީ ސިޓީ ކައުންސިލުން ވަނީ ރައީސަށް ޝުކުރު ދަންނަވާފައި

ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އައްޑޫސިޓީގެ ކައުންސިލަަށް ދިމާވި ބައެއް ދަތިތައް ހައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެެ. މި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ، އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިންގާ އެއް ސިޓީކަން ފާހަގަކުރައްވާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލާ ގިނަގިނައިން ބައްދަލުކުރައްވައި އައްޑޫގެ ކަންކަން ގާތުން ބައްލަވަމުންދާކަމަށްޓަކައި ރައީސަށް އެ ކައުންސިލުން ވަނީ ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ، އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މައުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އިޖްތިމާއީ މައްސަލަތަކާމެދު މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖްލިސް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެން، އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


Advertisement
- ކޮމެންޓް