ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 21:28
23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
"އަމިއްލަ ރަށުގައި މުބާރާތް ބޭއްވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން"
ނާހިލް ޓީމުގައި ހުރުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އައުސަރު ފާހަގަކުރި
މުބާރާތް ކުރިއަށް ދާނި މިއަންނަ ސެޕްޓެމްބަރު މަހުގެ 11ން 15 އަށް

މިއަންނަ މަހު އޮންނަ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އަށް ތައްޔާރުވަމުން އަންނައިރު، އަމިއްލަ ރަށުގައި މުބާރާތް އޮތުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ސުޕަވައިޒަރ އިސްމާއިލް އައުސަރު ފާހަގަކޮށްފިއެވެ.

ރާއްޖެ ޓީވީއަށް ދިން އިންޓަރވިއުއެއްގައި އައުސަރު ބުނީ ކުރިއަށް އޮތް މުބާރާތަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ނިމިގެންދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ގދ އަތޮޅު ތައުލީމީ މަރުކަޒުން ނެރުނު ޓީމުގައި ހިމެނޭ އެތުލީޓުންކަން އައުސަރު ފާހަގަކުރިއެވެ. އަދި މީގެ ތެރެއިން ގިނަ އެތުލީޓުންނަކީ ގަވައިދުން ފަރިތަކުރަމުން އަންނަ ކުޅުންތެރިންކަމަށް އައުސަރު ބުންޏެވެ.

މީގެ އިތުރުން، އަމިއްލަ ރަށުގައި މުބާރާތް އޮތުމަކީ ޓީމަށް ލިބިގެންދާނެ އިތުރު ފައިދާއެއްގެ ގޮތުގައި އައުސަރު ފާހަގަކުރިއެވެ. އެގޮތުން ޓީމުގެ އެހީތެރިންނާއި ސަޕޯޓަރުން ގިނަވުމަކީ ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމުގައި އައުސަރު ބުންޏެވެ. މިފަހަރުގެ މުބާރާތް އޮންނާނީ ގދ ތިނަދޫގައެވެ. މުބާރާތް ކުރިއަށް ދާނި މިއަންނަ ސެޕްޓެމްބަރު މަހުގެ 11ން 15 އަށެވެ.

އަދި ޒުވާން އެތުލީޓު އިބްރާހިމް ނާހިލް ނިޒާރު ޓީމުގައި ހުރުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އައުސަރު ފާހަގަކުރިއެވެ. ނާހިލް ވަނީ ނިމިގެންދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގިނަ ރެކޯޑުތަކެއް ހަދާފައެވެ. އެގޮތުން މުބާރާތުގައި ނާހިލް އެންމެ ފުރަތަމަ މުގުރާލީ 100 މީޓަރު ދުވުމުގެ މީޓް ރެކޯޑެވެ. ދެވަނައަށް ނާހިލް މުގުރާލީ 200 މީޓަރު ދުވުމުގެ ރެކޯޑެވެ.މީގެ އިތުރުން ލޯންގް ޖަމްޕް އާއި ރިލޭގައިވެސް ނާހިލް ވަނީ މުބާރާތުގެ ރެކޯޑު ހަދާފައެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ނާހިލް ވަނީ 13 އަހަރުވީ ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. އެއީ ޤައުމީ ޓީމުގެ ކުރީގެ އެތުލީޓު ހުސެއިން ހަލީމް ހަދާފައިވާ ލޯންގް ޖަމްޕް ރެކޯޑެވެ. ހަލީމް އަތުގައި އެ ރެކޯޑު އޮތީ 2009 ވަނަ އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުއްމައިގެންނެވެ. މިފަހަރުގެ ގޭމްސްގައި ނާހިލް ވަނީ 6.71 މީޓަރު ދުރަށް ފުއްމައިގެން އެ ރެކޯޑު މުގުރާލާފައެވެ.

- ކޮމެންޓް