ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 02:51
ތިނަދޫގައި ސަރުކާރުން ޤާއިމުކުރި ހޭންޑްބޯޅަ ކޯޓު
ތިނަދޫގައި ސަރުކާރުން ޤާއިމުކުރި ހޭންޑްބޯޅަ ކޯޓު
ޔޫތު މިނިސްޓްރީ
އަތޮޅު ތެރޭގައި ޤާއިމުކުރި ޒަމާނީ ފެންވަރުގެ ފުރަތަމަ ހޭންޑްބޯޅަ ކޯޓު ތިނަދޫގައި
1.2 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށް، މަސައްކަތް ނިންމީ ގާތްގަނޑަށް އަށް މަހުން

ސަރުކާރުން ކުޅިވަރު ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަތޮޅު ތެރޭގައި ޤާއިމުކުރި ޒަމާނީ ފެންވަރުގެ ފުރަތަމަ ހޭންޑުބޯޅަ ކޯޓު ގދ. ތިނަދޫގައި ހުޅުވައިފި އެވެ.

ތިނަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތަށް ވަނީ ޖުމުލަ ގާތް ގަނޑަކަށް 1.2 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފަ އެވެ. ހޭންޑުބޯޅަ ކޯޓު ޤާއިމުކޮށްފައި ވަނީ ތިނަދޫގެ ސްޓޭޑިއަމް ސަރަހައްދުގަ އެވެ.

މިކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މުޙައްމަދު ނާޞިޙް ރަޝީދު އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ޔޫތު މިނިސްޓްރީގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ކޯޓު ރަސްމީކޮށް ހުޅުވުމަށް ފަހު ވަނީ ތިނަދޫގެ ދެ ޓީމުގެ މެދުގައި ހޭންޑު ބޯޅަ މެޗެއް ވެސް ކުޅެފަ އެވެ.

އަތޮޅު ތެރޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމެކެވެ. އެގޮތުން ޔޫތު މިނިސްޓްރީން އަންނަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ޓާފު ފުޓުބޯޅަ ދަނޑުތަކާއި، ޒަމާނީ ފެންވަރުގެ ވޮލީ ކޯޓުތަައް ވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރެއް ވެސް ޤާއިމުކޮށް، ބޭނުން ކުރަން ފަށައިފަ އެވެ.

- ކޮމެންޓް