ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 09:08
އެންޓޮނީ މަތިއުސް
އެންޓޮނީ މަތިއުސް
ޓްވީޓަރ
އެންޓޮނީގެ ކުރިމަގު
އަޔެކްސްގެ ފަރިތަކުރުންތަކުގައި އެންޓޮނީ ބައިވެރި ނުވޭ!
އެންޓޮނީ ބޭނުންވަނީ އަޔެކްސްގެ ބޯޑުން ޔުނައިޓެޑާ މަޝްވަރާކުރުމަށް

އަޔެކްސްގެ ފަރިތަކުރުންތަކުގައި އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޓޮނީ މަތިއުސް ބައިވެރިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފަރިތަކުންތަކުގައި އޭނާ ބައިވެރިވެފައިނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެންޓޮނީ ބޭނުންވަނީ އަޔެކްސްގެ ބޯޑުން ޔުނައިޓެޑާ މަޝްވަރާކުރުމަށެވެ. ޔުނައިޓެޑުން އެންޓޮނީ ހޯދުމުގެ މަސައްކަތް ކުރަނީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގްގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ. 2020 ވަނަ އަހަރު އަޔެކްސް އަށް ބަދަލުވިި އެންޓޮނީ ވަނީ ޓެން ހާގްގެ އިރުޝާދުގެ ދަށުން އެ ޓީމުގައި ކުޅެފައެވެ. އަޔެކްސް ދޫކޮށް ޓެން ހާގް ޔުނައިޓެޑާ ހަވާލުވީ ނިމުނު ސީޒަނަށްފަހުއެވެ.

ފަރިތަކުރުންތަކުގައި ބައިވެރިނުވުމުގެ ސަބަބުން ލީގުގައި ދެން އަޔެކްސް އިން ކުޅޭ މެޗަށް އެންޓޮނީ ނަގާނެ ކަމަކަށް ނުބެލެވެއެވެ. ލީގުގައި އަޔެކްސްއަށް ދެން އޮތީ ރޮޓާޑަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުނައިޓެޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މީގެ ކުރިން އެންޓޮނީ ބުނީ، އެ ޓީމުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި ކޮންމެ މިނެޓަކާއި، ކޮންމެ ކަމެއް އޭނާ ދޭނީ އަޔެކްސް އަށް ކަމަށެވެ. އުމުރުން 22 އަހަރުގެ އެންޓޮނީ ވަނީ އަޔެކްސް އަށް ކުޅެދިން 82 މެޗުގައި 25 ލަނޑު ޖަހާފައެވެ. މި ސީޒަނުގައި އޭނާ ވަނީ އަޔެކްސް އަށް ކުޅެދިން ތިން މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެންޓޮނީ އަކީ ބްރެޒިލްގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް