ނެދަލޭންޑްސްގެ އަޔެކްސްގެ ކެޕްޓަންކަން ޖޯޑަން ހެންޑަސަން އަށް ދޭން ނިންމައިފި އެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަނަށް ބޭންޑްދޭން ނިންމިއިރު އޭނާ މިހާތަނަށް އަޔެކްސްއަށް ކުޅެދީފައިވަނީ އެންމެ މެޗެކެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އަޔެކެސްއިން އިނގިރޭސި މިޑްފީލްޑަރަކަށް ބޭންޑްދޭން ބޭނުންވީ އޭނާގެ ލީޑަރޝިޕް އެހެން ކުޅުންތެރިންނާ ހާސްބައި ތަފާތުވުމުންނެވެ.
ހެންޑަސަން ވަނީ އަޔެކްސް އަށް ބަދަލުވުމަށްފަހު ޓީމުގެ ގުޅުން ބަދަހިކޮށްދީ، ޒުވާން ކުޅުންތެރިންނަށް އެހީތެރިވެދީ، ޗޭންޖިން ރޫމުގައި ޓީމުގެ ރޫހު ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަރަބިއްޔާގެ އަލް އިއްތިފާގުން އޭނާ އަޔެކްސް އަށް ބަދަލުވީ ސައޫދީއަށް ބަދަލުވިތާ ހަ މަސް ފަހުންނެވެ. ސަބަބަކަށްވީ ސައޫދީ އަރަބިއާގައި އުޅެން އުނދަގޫވުމެވެ.
ހެންޑަސަން ވަނީ ލިވަޕޫލްގެ ކެޕްޓަންކަމުގައި އިނގިރޭސި ލީގާއި ކުލަބު ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގާއި ލީގު ކަޕް އަދި އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ. މިހެންވެ އަޔެކްސްގައި ތިބި ހުރިހާ ކުޅުންތެރިންނަށްވުރެ އޭނާގެ ތަޖުރިބާ މާބޮޑު ކަމަށް ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށް ނެދަލޭންޑްސްގެ މީޑިއާތަކުން ބުނެ އެވެ.