ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 10:42
އަލް އިއްތިފާގަށް ކުޅެމުން އަންނަ ޖޯޑަން ހެންޑަސަން
އަލް އިއްތިފާގަށް ކުޅެމުން އަންނަ ޖޯޑަން ހެންޑަސަން
ރޮއިޓާސް
އަޔެކްސް
އަޔެކްސް އަށް ބަދަލުވާން ހެންޑަސަން ނިންމައިފި
ހެންޑަސަން އަޔެކްސް އަށް ބަދަލުވާނީ ދެ އަހަރާއި، ބައިގެ މުއްދަތަކަށް

ސައޫދީ ޕްރޯ ލީގުގެ އަލް އިއްތިފާޤަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން, އެ ކުލަބު ދޫކޮށް އަޔެކްސް އަށް ބަދަލުވާން ނިންމައިފި އެވެ.

ލިވަޕޫލް ދޫކޮށް، ހެންޑަސަން އަލް އިއްތިފާޤަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާ އެ ކުލަބަށް ބަދަލުވީ 12 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުންނެވެ. އެ ކުލަބަށް އޭނާ ވަނީ މިހާތަނަށް 19 މެޗު ކުޅެދީފަ އެވެ. ނަމަވެސް، ސައޫދީ ޕްރޯ ލީގުގައި އެ ޓީމަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ. އަޔެކްސް އިން ވަނީ ހެންޑަސަން ހޯދުމުގެ ގޮތުން ފެށި މަޝްވަރާތަކުން، އޭނާ ހޯދުމުގެ ޑީލު ކާމިޔާބު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އަޔެކްސް އަށް ބަދަލުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ބުރާސްފަތި ދުވަހު ނެދަލެންޑްސްގެ ވެރި ރަށް އެމްސްޓާޑެމް އަށް ދަތުރު ކުރާނެ އެވެ. އެއަށްފަހު، މެޑިކަލްގެ ކަންކަން ހުކުރު ދުވަހު ފުރިހަމަ ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ހެންޑަސަން އަޔެކްސް އަށް ބަދަލުވާނީ ދެ އަހަރާއި، ބައިގެ މުއްދަތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން، އެ ކުލަބާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސަންޑަލެންޑުން 2008 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ހެންޑަސަން ލިވަޕޫލަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އެ ކުލަބުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ، 492 މެޗު ކުޅެދީ 33 ލަނޑު ޖަހައިފަ އެވެ. ލިވަޕޫލާ އެކު އޭނާ ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް