ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 12:27
34 ކުދިން މިހާތަނަށް ރީއިންޓަގްރޭޓް ކުރެވުނު
34 ކުދިން މިހާތަނަށް ރީއިންޓަގްރޭޓް ކުރެވުނު
ސޯޝަލް މީޑިއާ
ދައުލަތަށް ނެގޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިން
މިއަހަރު ދައުލަތަށް ނެގުނު ކުދިންނަށްވުރެ، ރީއިންޓަގްރޭޓްކޮށް ފޮސްޓަރކުރެވުނު ކުދިންގެ އަދަދު އިތުރު
މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް

މިއަހަރު ދައުލަތަށް ނެގުނު ކުދިންނަށްވުރެ، ރީއިންޓަގްރޭޓްކޮށް ފޮސްޓަރކުރެވުނު ކުދިންގެ އަދަދު އިތުރުކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިހާބު ވިދާޅުވީ، މިއީ ލިބުނު ކާމިޔާބީއެއް ގޮތަށް ސިފަކުރެއްވޭކަމަށެވެ.

ޝިހާބު ވިދާޅުވީ، ޖުމްލަގޮތެއްގަައި މިނިސްޓްރީގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު މަދުވުން ކަމަށެވެ. 34 ކުދިން މިހާތަނަށް ރީއިންޓަގްރޭޓް ކުރެވުނު ކަމަށް ޝިހާބު ފާހަގަކުރެއްވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މި އަހަރުގެ މިހާތަނަށް 6 ކުއްޖަކު ފޮސްޓަރ ކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އިތުރު 3 ކުއްޖަކު ފޮސްޓަރކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރީއިންޓަގްރޭޓް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، މިއީ ވަރަށް ދިގު ދަތުރެއް ކުރަންޖެހޭ މަރުހަލާއެއްކަމަށް ޝިހާބު ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ ވަރަށް ގިނަ ކަންކަން ބެލުމަށްފަހު ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ހާލަތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން އަނބުރާ އާއިލާއާ ހަވާލުކުރުމުގެކުރިން އެ ކުދިންގެ ރައްކާތެރިކަން ފުރިހަމައަށް ޔަގީންކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝިހާބު ވަނީ އެ މަރުހަލާ ދިގުލައިގެން ދަނީ އެ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ގިނަވުމުންކަންވެސް ފާހަގަކުރައްވާފައެވެ.

މި އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ 26 ކުދިން ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް