ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 07:09
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަނީ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަނީ
ޕޮލިސް
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުން
ފުލުހުންގެ މުއައްސަސާއަށް މަލާމާތާއި ނުރުހުން ރައްދުވާގޮތަށް އަމަލުކުރާ އޮފިސަރުންނާމެދު ފިޔަވަޅު އަޅާނަން: އިމްރާން
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވަރަށް ބޮޑު ޒިންމާއެއްކަމަށް ވިދާޅުވި
މިނިސްޓަރ ވަނީ ވަޞީލަތްތައް ހުރި މިންވަރަކުން, ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައި
ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކުރަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވި

އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކަށް ކުރެވޭ ކަމެއްގެ ސަބަބުން އޭގެ މަލާމާތާއި, ނުރުހުންތެރިކަން މުޅި މުއައްސަސާއަށް ރައްދު ނުކުރުމަށް އެދިވަޑައިގެން އެފަދަ އޮފިސަރުންނާ މެދު ފިޔަވަޅު އަޅާ, މުއަސްސަސާގެ އަގު ހިފަހައްޓަވަން މަސައްކަތްކުރައްވާނެކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ ރައްޔިތުންނަށް ފުލުހުންގެ މުއައްސަސާއަކީ އެންމެންގެ މުއައްސަސާއެއްކަމުގައި ދެކި, އެމުއްސަސާއަށް ލޯތްބާއި އިހުތިރާމްދީ ކަންކަމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ވަޞީލަތްތައް ހުރި މިންވަރަކުން, ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެކަމަށާއި, އެޑިމާންޑްތަކަށް ވަޞީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގަކީ, ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި, އަގުކަމަށެވެ. އަމަންއަމާންކަމާއި, ރައްކާތެރިކަމާއި, އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެއަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މުއައްސަސާގެ ތެރޭގައި އެއަގުތައް ހިފަހައްޓާ, އެއަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކުރަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ އިއްޒަތާއި ޝަރަފް މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތިނަން ލިބުނުވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަންވަރަކަށް މުޖުތަމައު ކުރިއަށްދާނެ, މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާގޮތަކީ, ރައްޔިތުން ވަޒަންކުރާގޮތަކީ އެއީ
އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ

މިނިސްޓަރ ޢިމްރާން ވިދާޅުވީ ކުރިއަރާ ތަރައްޤީ ވެވޭނީ, ފާގަތި ބަޔަކަށް ވެވެނީ އެކަމަށްޓަކައި އެމުޖުތަމައެއްގައި އަށަގަންނުވަންޖެހޭ ހުރިހާ ބަހާތަކާއި, ސިފަތައް އަށަގެންނެވުމުންކަމަށެވެ. އަދި އެމުޖުތަމައެއްގެ އަހުލުވެރިންގެ ކިބައިގަ ހުންނަންޖެހޭ ފުރިހަމަ ޢިލްމީ ޤާބިލްކަން އަފްރާދުންގެ ކިބައިގަ އަށަގެންނެވިގެންކަމަށެވެ. އެބައެއްގެ ތެރޭގައި ހުންނަންޖެހޭ އުފެއްދުންތެރިކަމާއި, ހުނަރުވެރިކަމާއި, ޤާބިލްކަން އުފެއްދެނީ އެބައެއްގެ މެދުގައި އޮންނަން ޖެހޭ އަދުލުވެރިކަމާއި, އިންސާފާއި ހަމަހަމަކަން ޤާއިމްކުރެވުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައްކާތެރިކަމާއި އަމާންކަމަކީ މުޖުތަމައެއް ކުރިއަރާ ދިއުމަށްޓަކައި އެންމެ މުހިއްމު އެއްބަހާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިމުޖުތަމައު ކުރިއަރާދިއުމަށްޓަކައި, މުޖުތަމައަކީ އުފާވެރި މުޖުތަމައަކަށްވުމަށްޓަކައި އަޅުގަނޑުމެން އުފައްދަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން. މިކަން ކުރެވެނީ ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވުނީމަ, ފުލުހުންނާއެކުގައި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރީމަ, ރައްޔިތުންގެ ކިބައިގަ އެސިފަތައް އަށަގެންނެވީމަ. ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ކިބައިގަ ހުންނަންޖެހޭ ތަހުޒީބީ މުޖުތަމައުތަކަށް އެކަށީގެންވާ ރީތި ސިފަތަކާއި, މަތިވެރި އަހުލާޤިއްޔާތު އަށަގެންނެވުން އެއީ މުޖުތަމައު ކުރިއަރައިގެން ދިއުމަށްލިބޭ އެންމެ މުހިއްމު އެއްސިފަ.
އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް ބަންދުކުރެވިދާނެކަމަށެވެ. އަދި ޖަލަށްވެސް ލެވިދާނެކަމަށެވެ. އެކަމަކު ކޮންމެ މީހަކަށް އަދަބުދިނުން އަދި އެއީ ހައްލެއް ނޫންކަމަށާއި, ހައްލަކީ ފުލުހުންނާއި, ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިކޮށްލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގައި ސަރުކާރުގެ ސިޔާސަތު ތަކުރާރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވަރަށް ބޮޑު ޒިންމާއެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް އެކަން މަތިކުރައްވާ, އެޒިންމާ އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައިވަނީ އެމަނިކުފާނަށް ކުރެވޭ އިހުސާސެއްގެ ބޮޑުކަމުން. މިއަދު ރާއްޖޭގެ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަމާއި, ސުލުހަވެރިކަމަށްޓަކައި ރާއްޖޭގައި ކުރަންހުރި ހުރިހާކަމެއްގެ ތެރެއިން އެންމެ އިސްކަމަކީ ކޮންމެ މުޖުތަމައެއްގައި ފުލުހުންގެ ޚިދުމަތް ދިނުންކަން އެމަނިކުފާނަށް އިހުސާސްކުރެއްވޭތީ.
އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ

ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި, ރައްކާތެރިކަމަށް އެވަރަށް އިސްކަންދެއްވާ ފުލުހުންގެ ޚިދުމަތް ކުރު މުއްދަތެއްގައި ކުރިއަރުވާ ފުޅާކުރުމަށް އިރުޝާދުދެއްވާ, އެކަމަށްޓަކައި ދެއްވަންޖެހޭ ހުރިހާ މަގުތަކެއް ފަހިކޮށްދެއްވާތީ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ރަށެއްގައި ޤާއިމްކުރާ ޕޮލިސް ސްޓޭޝަނަކީ ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިގަތާލާ ޗޭނުގެ ބޮޅެއްކަމަށެވެ. ރާއްޖޭގެ އަމާންކަމާއި ސުލުހަވެރިކަން ކަށަވަރުކުރުމަށް މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ޤާއިމްވުމުން މެނުވީ މިޗޭނު, ނުވަތަ މިބޮޅު އެއްކޮށް ފުރިހަމަވެގެން ނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް