ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ރަނގަޅު ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒޭނާ ވަނީ ރައީސް ސާލިހު ވެރިކަން ކުރައްވަނީ އެންމެންގެ ލަފާ ހޯއްދަވައިގެން ކަމަށާއި ވަކި މީހަކު ދައްކާ ވާހަކައަށް އެކަނި ބަރޯސާވެގެން ރައީސް ސާލިހު ކަންކަން ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި ވެސް ރާއްޖޭގެ ކަންކަން ހިންގުމުގައި ރައީސް ސާލިހު ކަންކަން ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޖޭގައި ސިއްހީ ވަސީލަތްތަައް އިތުރުކޮށް، ފަތުރުވެރިކަމާއި އިގްތިސާދަށް އެންމެ ގެއްލުން ކުޑަ ވާނެ ގޮތަކަށް ކޮވިޑްގެ ކަންކަން ބެލެހެއްޓުަމަށް ރައީސް ސާލިހު ހާއްސަ އިސްކަމެއް ދެއްވި ކަމަށް ރޮޒޭނާ ފާހަގަކުރެއްވިއެވެ. ބައެއް ކަންކަން ނުރަނގަޅުކޮށް ހިނގާފައި ހުރި ނަމަވެސް ރާއްޖެ ހިމެނެނީ މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅަށް ކޮވިޑްގެ ކަންކަން މެނޭޖްކުރި ގައުމުތަކުގެ ތެރޭގައި ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
ރޮޒޭނާ ވަނީ މިހާތަނަށް ފެނިވަޑައިގަތް އެންމެ ހަރުދަނާ ވެރިއަކީ ވެސް ރައީސް ސާލިހު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯލިޝަން އަކާއި އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަމާއި ހިންގުންތެރިކަންހުރި ހަމައެކަނި ބޭފުޅަކީ ވެސް އެއީ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ސާލިހު އަކީ ރާއްޖެ އަށް އެންމެ ބޭނުންވާ ފަދަ ވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސޯލިހު އަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.