ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަކިކޮށްފާނެތީ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ރައީސް ނަޝީދަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި ގުޅޭ ގޮތުން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދަށް އެމްޑީޕީ ތެރޭގައި އާއި މަޖިލީހުގައި ވެސް ތާއީދު ނެތް ކަމަށް ބުނެ ބައެއް މެމްބަރުން ދައްކާ ވާހަކަތަކާއި މެދު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ފާޑުކިޔުމުގެ ފުރުސަތު އޮންނަ ޕާޓީއެއް ކަމަށާއި، މެމްބަރަކު އެމަނިކުފާނާއި ޚިޔާލުތަފާތުވުމަކީ މައްސަލަ އެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ ފަހުކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ އިރު އެމަނިކުފާނު މަގާމުން ވަކިކޮށްދޭން މެމްބަރުން އެދެމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރަން އެކުލަވާލި ޕެޓިޝަންގައި ސޮއިކުރަން ހުޅުވާލީ އޮންލައިންކޮށެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭއަދަބީ ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާކަމަށާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.