ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 13:20
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
ރައީސް ސާލިހުއަށް ތާއީދުކުރުމާއި މެދު ރައީސް ނަޝީދު ހުންނެވީ ހަނު!
ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދު އެމްޑީޕީގެ ކޮންގްރެސް އިން ނިންމާ ނިންމުމަށް އިހުތިރާމް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި
ރައީސް ސާލިހު އަށް ތާއީދު ކުރެއްވުމާއި މެދު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވާ
ރިޔާސީ ނިޒާމްގެ ދަށުން ވެރިކަަމަށް ކުރިމަތިލައްވަފާނަންތޯ ކުރި ސުވާލަށް ވެސް ރައީސް ނަޝީދު ޖަވާބެއް ނުދެއްވާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ތާއީދު ކުރައްވާނަންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ސުވާލަށް ޖަވާބުދެއްވަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ނިޒާމުގެ ދަށުން އިންތިޚާބު ބާއްވަނަމަ 2023ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަން ތޯ "ރާއްޖެ އެމްވީ" އިން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިވަގުތު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނައުމަށް ކަމަށާއި އެ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަަމަށެވެ. އަދި ބަރުލަމާނީ ނިޒާމް ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ، ރިޔާސީ ނިޒާމްގެ ދަށުން ވެރިކަމަށް ކުރިމަތިލައްވާނަންތޯ ކުރި ސުވާލަށް ރައީސް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. މީގެ އިތުރުން ރައީސް ސާލިހު އަށް ތާއީދު ނުކުރައްވާ ކަމެއް ނުވަތަ ކުރައްވާނެ ކަމާމެދު ވެސް އެމަނިކުފާނު ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

ރިޔާސީ ނިޒާމެއްގެ އިންތިހާބެއް ނުއޮންނާނެ ނޫންތޯ ބަރުލަމާނީ އެއްގަ؟ އަޅުގަނޑު މިހުރީ އެ މަަސައްކަތް ކުރަން ނުކުމެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން.
ކުރީގެ ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހު އަށް ދެއްވުމަށް ނިންމައިފިނަމަ ރައީސް ސާލިހު އަށް ތާއީދު ކުރައްވާނަން ތޯ ވެސް ރައީސް ނަޝީދާއި ނޫސްވެރިން ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި ވެސް ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމްގެ ދަށުން ނޫން ގޮތަކަށް ދެން އޮންނަ ރިޔާސީ އިންތިޚާބެއް ބާއްވަފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދު އެމްޑީޕީގެ ކޮންގްރެސް އިން ނިންމާ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް