Advertisement
ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 12:56
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ވީނިއުސް
ރާއްޖޭގެ ސިޔާސީ މަސްރަހު
ރައީސް ޔާމީނާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބަހުރި: ރައީސް ނަޝީދު
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި
ރައީސް ނަޝީދާއި ޚިޔާލު ތަފާތު ނަމަވެސް އެކުގައި ފެނިދާނެ ކަމަށް ނުސީދާ މޭރުމަކުން ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވައިގެން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ދަނީ މިހާރު ކުރައްވަމުންނެވެ. އެ މަސައްކަތް ކުރުމަށް ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް އެންމެ ފުރަތަމަ ހުށަހެޅުއްވުމަށް އެމަނިކުފާނު ނިންމަވާފައިވަނީ އެމްޑީޕީގެ ކޮންގްރެސްއަށެވެ. އެހެންކަމަށް ވާއިރު މީގެ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާފައެވެ.

Advertisement

މިކަމާއި ގުޅިގެން ރައީސް ޔާމީންއާ އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ގެންގުޅުއްވާތޯ "ރާއްޖެ އެމްވީ" އިން ސުވާލުކުރުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ބޮޑަށް. ނިޒާމް ބަދަލުކުރުން ބޭނުންތެރިކަމެއް. ނިޒާމް ބަދަލުކުރުން އެއީ ބޭނުންތެރިކަމެއް.
ރައީސް ނަޝީދު

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދާއި އެކުގައި މަަސައްކަތް ކުރައްވަފާނަންތޯ ނޫސްވެރިން ވަނީ ރައީސް ޔާމީނާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ރައީސް ޔާމީން ވަނީ އެ ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ދެ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ރައީސް ނަޝީދާއި ވެސް އެކުގައި ފެނުނު ނޫންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވާފައެވެ. އެހެންކަމުން އެ ދެބޭފުޅުން އެކުގައި މަސައްކަތް ކުރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަ ގޮތުން ބަރުލަމާނީ ނިޒާމް އެންމެ އެކަށީގެންވާ ގޮތަށް ތަންފީޒުކުރެވިދާނެތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން މަޖިލީހަށް ހޮވޭ ޕާޓީ ނޫން އެހެން ޕާޓީތަކަށް މެމްބަރުން ބަދަލުވެ ފްލޯ ކްރޮސް ކުރުމަކީ ބަރުލަމާނީ ނިޒާމަކަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި ފައިސާވެރި ނުފޫޒު ގަދަ ފަރާތްތަކުގެ ނުފޫޒު ސިޔާސީ މީހުންނަށް ފޯރާ ނަމަ އެ ނިޒާމް ރަނގަޅަށް ނުހިނގާނެ ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް