Advertisement
ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 13:23
ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި
ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި
ރާއްޖެއެމްވީ
ވެރިކަމުގެ ނިޒާމް
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް ރައީސް ނަޝީދު ހާމަކުރައްވައިފި
ސަރުކާރު އެކުލަވާލުމުގެ ފުރުސަތު، އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަން އޮންނާނެކަން ގާނޫނު އަސާސީގައި ބަޔާންކުރުން
ވަޒީރުކަމަށް އައްޔަންކުރުމަށްޓަކައި މަޖިލީހުން ރުހުން ހޯދުމަށް މަޖިލީހަށް ނަން ހުށަހެޅުމަކީ ބޮޑުވަޒީރަށް ލިބިގެންވާ ބާރެއް

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަފްސީލުކޮށްދެއްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިންގުމުގެ އެންމެ އިސްފަރާތަކީ ބޮޑުވަޒީރު ކަަމަށެވެ. ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ކަމަށާއި، އެއް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާއި ނުވަތަ ޕާޓީތަކަކާއި ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު، އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަން އޮންނާނެކަން ގާނޫނު އަސާސީގައި ބަޔާންކުރާނެ ކަމަށެވެ.

އަދި ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތު ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ސަރުކާރު އެކުލަވާ ނުލެވިއްޖެނަމަ މަޖިލިސް އުވާލިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރަންވާނޭ ކަމާއި، އައު އިންތިހާބަކަށް ދާންޖެހެނެކަން ގާނޫނުއަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ކަނޑައަޅާ މީހެއްކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ވަޒީރުންގެ މަޖިލިސް އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

އަދި ކެބިނެޓް ޕޯޓްފޯލިއޯތަކުގެ އަދަދު ކަނޑައެޅުމާއި، ވަޒީރުކަމަށް އައްޔަންކުރުމަށްޓަކައި މަޖިލީހުން ރުހުން ހޯދުމަށް މަޖިލީހަށް ނަން ހުށަހެޅުމަކީ ބޮޑުވަޒީރަށް ލިބިގެންވާ ބާރެއްކަން ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ. ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ކަން ބަޔާން ކުުރުމަށް ހުށަހަޅާފައިވެއެވެ.

Advertisement

މީގެ އިތުރުން ސަރުކާރު ހިންގުމުގެ މަގާމުތަކާއި، ދައުލަތުގެ ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި، ސަރުކާރު ހިންގުމުގެ އެންމެހާ ބާރުތަކާއި، ހާރިޖީ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެހައި ބާރެއް ލިބިގެންވަނީ ބޮޑުވަޒީރަށްކަން ގާނޫނުއަސާސީގައި ބަޔާން ކުރުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަލާއިރު، އިސްލާހުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކުރާ އިދާރީ ދާއިރާތަކުގެ ތެރެއިން ކަނޑައެޅޭ އިންތިހާބީ ދާއިރާތަކުން އިންތިހާބުކުރެވޭ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުން އިންތިހާބުގައި ހޯދާ ވޯޓުގެ އަދަދުގެ ނިސްބަތުން، އެޕާޓީތަކުން އައްޔަންކުރާ މެންބަރުންގެ މައްޗަށްކަން ގާނޫނުއަސާސީގައި ބަޔާންކުރަން ހުށަހަޅާފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ މެންބަރުންނާއި، ނެޝަނަލް ލިސްޓުން އައްޔަންކުރެވޭ މެންބަރުންނާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގާނޫއަސާސީގައި ކަނޑައަޅައި ބަޔާން ކުރުމާއި ނޭޝަނަލް ލިސްޓުން އައްޔަންކުރެވޭނެ މެންބަރުންގެ ޖުމްލަ އަދަދާއި، ކޮންމެ ޕާޓީއަކަށް ލިބޭނެ ގޮނޑީގެ އަދަދު ކަނޑައަޅާނެ ގޮތާއި، ނެޝަނަލް ލިސްޓުން ޕާޓީތަކަށް ލިބޭ ގޮނޑިތަކަށް މީހުން އައްޔަންކުރުމުގައި ޕާޓީތަކުން އަމަލުކުރަންވާނޭ އިޖުރާތު ގާނޫނުގައި ކަނޑައަޅަންވާނެކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

އަދުލު އިންސާފުގެ ދާއިރާއަށް ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނޫން ކަނޑައެޅުމުގެ ބަދަލުގައި ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާން ކުރުން ހިމެނެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ ވަކި އަދަދެއްގެ މެންބަރުންގެ މައްޗަށް ކޮމިޝަން އެކުލެވިގެން ވުމެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 8 ވަނަ މާއްދާ އިސްލާހުކޮށް އެ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އެ ގާނޫނުގައި ކަނޑައެޅިފައި ހުރި އަސާސީ ސިފަތައް ސީދާ ގާނޫނު އަސާސީގައި ބަޔާން ކުރުމެވެ. އެހެނިހެން އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އެސްއޯއީތައް އުފެއްދޭނީ ގާނޫނެއް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުމާއި، އެސްއޯއީއެއް އުފެއްދުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ކަނޑައެޅުން އަދި އެއް ބޭނުމަށް އެއްކުންފުންޏަށްވުރެ ގިނަ ކުންފުނި އުފެއްދުން މަނާކުރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް