ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 10:05
މެންޗެސްޓަރ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ޓެން ހާގް
ޓްވިޓަރ
ލީގުގެ ފުރަތަމަ ދެ މެޗުން ޔުނައިޓެޑު ބަލިވުން
ޓެން ހާގްގެ އަދަބެއް ޔުނައިޓެޑުގެ ކުޅުންތެރިންނަށް!
ޓެން ހާގް ވަނީ ޔުނައިޓެޑުގެ ކުޅުންތެރިންނަށް 13.8 ކިލޯ މީޓަރަށް ދުވަން ޖައްސާފައި

މެންޗެސްޓަރ ޔުނައިޓެޑުގެ ފަރިތަކުރުމުގައި ކޯޗު އެރިކް ޓެން ހާގް އެ ޓީމުގެ ކުޅުންތެރިންނަށް އަދަބެއް ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައެވެ. ރިޕޯޓުތަކުގައިވާ ގޮތުން ޓެން ހާގްގެ މި އަދަބަކީ ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑު އަތުން 4-0 އިން ޔުނައިޓެޑު ބަލިވުމުން ކުޅުންތެރިންނަށް އޭނާ ދިން އަދަބެކެވެ. އެއީ 13.8 ކިލޯ މީޓަރަށް ދުވުމެވެ. ރިޕޯޓުތަކުގައިވާ ގޮތުން މިއީ ޔުނައިޓެޑާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ކަވަރ ކުރެވުނު ވަރެވެ. އެހެންކަމުން ޓެން ހާގް ވަނީ އެ ޑިސްޓެންސްއަށް ދުވަން ކުޅުންތެރިންނަށް ޖައްސާފައެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑު ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އެ ޓީމު ބަލިވީ ބްރައިޓަން އަތުންނެވެ. ދެ ވަނަ މެޗުގައި ބްރެންޓްފޯޑު އަތުން ބަލިވީއިރު، ޔުނައިޓެޑު މިހާރު އޮތީ ތާވަލްގެ ފުލުގައެވެ. ބްރެންޓްފޯޑުގެ މެޗަށްފަހު ޓެން ހާގް ވަނީ ނަތީޖާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އޭނާ ބުނީ ބްރައިޓަން އާއި ބްރެންޓްފޯޑަކީ ޔުނައިޓެޑަށް ބަލި ނުކުރެވޭ ފެންވަރުގެ ދެ ޓީމު ނޫން ކަމަށެވެ. އެ ދެ މެޗުގެ ނަތީޖާ އެގޮތަށް ނިކުންނަން ޖެހުނު ސަބަބު އަމިއްލަ ނަފްސާ ސުވާލު ވެސް ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓެން ހާގް ވަނީ ޔުނައިޓެޑުގައި ތިބި މޮޅެތި ކުޅުންތެރިންގެ ކުޅުމާމެދު ވެސް ކަންބޮޑުވާކަމަށް ބުނެފައެވެ. އޭނާ ބުނީ ޔުނައިޓެޑުގައި ތިބި މޮޅެތި ކުޅުންތެރިން، މިހާރަށްވުރެ ބޮޑަަށް ރަނގަޅުވާން ޖެހޭ ކަމަށެވެ. އެ ނަތީޖާތަކަކީ ކުޅުންތެރިންނާއި އެންމެން ޒިންމާ ނަގަންޖެހޭ ނަތީޖާއެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، އެކަމުގެ ޒިންމާ އޭނާ ވެސް އުފުލާކަމަށެވެ. އެ މެޗަށްފަހު އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ޓެން ހާގް އަމާޒު ހިފާފައި ހުރީ ޔުނައިޓެޑުގެ ހުރިހާ ޑިޕާޓްމަންޓުތަކެއް ރަނގަޅު ކުރުމަށެވެ. ޚާއްސަކޮށް ޔުނައިޓެޑުގެ މިޑްފީލްޑާއި، ޑިފެންސްގައި ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް ކުރިއަށް އޮތް ފަރިތަކުރުންތަކުގައި އޭނާ އިސްކަމެއް ދޭނެކަމަށެވެ. މީގެ އިތުރުން ކުޅުންތެރިންގެ ދުވެއްޔާ މެދު ވެސް ޓެން ހާގް ހިތްހަމަ ނުޖެހޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އެންމެ ވަރުގަދަ އެއް މެޗެވެ. އެއީ މި މަހުގެ 23 ގައި އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް