މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްގެ ކުރިމަގާ މެދު އާންމުން ދެކޭ ގޮތް ބަލަން ވޯޓެއް ނަގައިފިއެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، އެ ޓީމުން ޕްރީ ސީޒަންގެ މެޗުތަކުގައި ފެނުނީ ވަރުގަދަ ކޮށެވެ. ނަމަވެސް އައު ސީޒަނުގެ ޕްރިމިއަރ ލީގު ފަށައިގެން ދެ ޔުނައިޓެޑުން ދެ މެޗު ކުޅުނުއިރު، އެ ޓީމު އޮތީ ޕޮއިންޓް ތާވަލްގެ ފުލުގައެވެ. ފުރަތަމަ މެޗުގައި ބްރައިޓަން އަތުން 2-1 އިން ބަލިވީރު، ދެ ވަނަ މެޗުގައި ބްރެންޓްފޯޑު އަތުން ބަލިވީ ލަދުވެތި ގޮތަކަށް 4-0 އިންނެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ ކުލަބުގެ ކުރީގެ އުޖާލާ ދުވަސްތައް ހޯދުމުގެ މަގުސަދުގައެވެ. ޔުނައިޓެޑަށް ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވޭތާ ނުވަ އަހަރުވީއިރު، ފާއިތުވި ފަސް އަހަތުގެ ތެރޭގައި އެ ޓީމަށް ތައްޓެއް ހޯދިފައެއް ނުވެއެވެ. އައު ސީޒަން ފަށައިގެން ދެ މެޗުން ޔުނައިޓެޑު ބަލިވީއިރު، މިއީ 1921 ގެ ފަހުން، ލީގުގެ ފުރަތަމަ ދެ މެޗުގައި ޔުނައިޓެޑުން ބަލިވި ފުރަތަމަ ފަހަރެވެ.
ދެ މެޗުން ބަލިވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޓެން ހާގްގެ ކުރިމަގާ މެދު ސުވާލު އުފައްދާފައެވެ. ޔުނައިޓެޑުގެ ބައެއް ސަޕޯޓަރުން ވެސް ދަނީ ޓެން ހާގްގެ ކުރިމަގާ މެދު ސުވާލު އުފައްދަމުންނެވެ. އެކަމާ ގުޅޭ ގޮތުން ޓުވީޓާގައި ވަނީ ވޯޓެއް ނަގާފައެވެ.
ވޯޓުގެ 13.2 އިންސައްތަ މީހުންނަށް ފެންނަ ގޮތުގައި މި މަސް ނިމުމާއެކު ޔުނައިޓެޑުގެ ކޯޗުކަމުން ޓެން ހާގް ވަކިކުރާނެއެވެ. މިއީ ވޯޓުގެ އެންމެ ދަށް އިންސައްތައެވެ. ވޯޓުގެ 18.2 އިންސައްތަ މީހުން ދެކޭ ގޮތުގައި ކުރިއަށް އޮތް އަހަރުގެ ވަކި ހިސާބަކުން ޓެން ހާގް ކޯޗު ކަމުން ވަކި ކުރާނެއެވެ.
ދެ ވަނަ އަށް އެންމެ ގިނަ މީހުން ދެކޭ ގޮތުގައި ކްރިސްމަސް އަށް ވާއިރަށް ޓެން ހާގް ވަކި ކުރާނެއެވެ. އެއީ ވޯޓުގައި ބައިވެރިވި 24.5 އިންސައްތަ މީހުންނަށް ފެންނަ ގޮތެވެ. އެންމެ ގިނަ މީހުންނަށް ފެންނަ ގޮތުގައި ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުގައި ދެ އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތަށް ޓެން ހާގް ހުންނާނެއެވެ. މިގޮތަށް ބުނެފައިވަނީ މި ވޯޓުގައި ބައިވެރިވި 44.1 އިންސައްތަ މީހުންނެވެ.
ޓެން ހާގްގެ ކުރިމަގާ މެދު ސުވާލު އުފައްދަމުންދާ އިރު، އޭނާ ވަނީ ޔުނައިޓެޑުގެ ނަތީޖާ އަކީ ގަބޫލުކުރެވޭ ނަތީޖާއެއް ނޫން ކަމަށް ވެސް ބުނެފައެވެ.