މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީ މަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހައިފައެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އަންނަނީ ޓްރެފިކަށް ގެންނަން ޖެހޭ ބަދަލުތަކާއި ޕާކިންއަށް ގެންނަން ޖެހޭ ބަދަލުތަކާއި ބަސް ސްޓޮޕްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ވަނީ ހަމަޖައްސައިދީފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރު ގޭގެ ކައިރި އާއި ރަސްފަންނު ކައިރި ކޮރަލް ބުލިވަރޑް ކައިރި އޮންނަ ސަރަހައްދެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ވީހާވެސް އަވަހަށް ފަށަން ބޭނުންވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި ޚިދުމަތް ފަށާނެ ސީދާ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް މި ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް މިހާރު ވަނީ ގެނެސްފައެވެ. މާލޭގެ އިތުރުން މި ޚިދުމަތް ދޭ އެހެން ސަރަހައްދުތަކުގައި މިހާރު ވަނީ ޚިދުމަތް ފަށައިފައެވެ. އެއީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލ. އަތޮޅުގެ ރަށްތަކެވެ.
މިނީ ބަހުގެ ޚިދުމަތް ފަށާ ފުރަތަމަ ދެ ހަފްތާގައި އެ ޚިދުމަތް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެ ދެ ހަފްތާއަކީ ރޫޓުތައް ދިރާސާ ކުރުމަށް ދަތުރު ކުރާ ދެ ހަފްތާއެވެ. ދަތުރުތައް ރަސްމީކޮށް ފެށުމުން ވެސް 3 އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.
އެމްޓީސީސީގެ އަމާޒަކީ މާލޭގައި މި ޚިދުމަތް ފެށުމުން ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕުތަކަށް ބަސްތައް ބޭއްވުމެެވެ.