ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 10:39
މާމައާއި ކާފައާއެކު ޢަލީ އިންޑިއާއިން ނުކުތީ 1951 ވަނަ އަހަރުގައި
ޙަސަން ބަޤާއީގެ ހިތްދަތި ހަނދާންތައް
މިނިވަންކަމުން 2 ފަސް ކުރި އާއިލާއެއްގެ ހިތުގެ ޝަކުވާ: މަންމައާ ވަދާއީ ސަލާމް ކުރީ އެކަން ނޭނގި!
އިންޑިއާއާއި ޕާކިސްތާން، ބައި ކުރުމުގެ ސަބަބުން، އުފުލަންޖެހިފައިވާ ތަކްލީފުތައް 2 ޤައުމުގެ ސަރުކާރުތަކުންވެސް އަޑު އަހާ ވިސާ ކަންތަކުގައި ލުއި ގޮތެއް ވުމަކީ އަލީ އެދޭގޮތް
އިންޑިއާއަށް ދަތުރު ކުރުމުގެ ފުރުޞަތު، އަލީ އަށް ލިބުނީ 2014 ވަނަ އަހަރު، އެކަމަކު އެއީ މައިންބަފައިންނާ އާއިލާ މީހުންނާ ބައްދަލުވި ފަހު ފަހަރު
ޢަލީ އިންޑިއާއިން 1951 ވަނަ އަހަރު ނުކުތް އިރު، އޭނާގެ މައިންބަފައިންނާ އާއިލާ ބައެއް މެންބަރުން އިންޑިއާގައި ތާށިވެ ނުކުތުމަށް ދީފައި އޮތް މުހުލަތު ހަމަވިއިރުވެސް ނުކުމެވޭ ގޮތް ނުވި

ޤައުމެއްގެ މިނިވަން ދުވަހަކީ އެ ޤައުމެއްގެ ފަރުދުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފަލެއް ލިއްބައިދޭ ދުވަހެއް ކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. އަމިއްލަ ކަންކަން އަމިއްލަވަންތަ އިހުތިޔާރުގައި ނިންމުމުގެ ނަޞީބުގެ ފޮނިމީރުކަމީ އެ ކަން ތަޖުރިބާ ކުރި ކޮންމެ މީހަކުވެސް ދޫކޮށްލަން ބޭނުންވާނެ ރަހައެއް ނޫންކަން ޤައިމެވެ. ކަން މިހެން އޮތް ނަމަވެސް، މިނިވަން ޤައުމެއް ކަމަކު، މިނިވަންކަމުގެ ފުރިހަމަ އުފާ އިހުސާސް ނުކުރާ އެއް ބަޔަކީ، އާއިލާ ދެތަންވެފައި ވާ އިންޑިއާއާއި ޕާކިސްތާނުގެ ރައްޔިތުންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

އޯގަސްޓް 14 ވަނަ ދުވަސް ފާހަގަ ކުރަނީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައެވެ. ޤައުމަށް މިނިވަންކަން ލިބުނު އެ ތާރީޚީ މުނާސަބާ ގުޅިފައި ވަނީ ޢަލީ ޙަސަން ބަޤާއީގެ ހިތްދަތި ހަނދާންތަކާއެވެ. މިނިވަން ފަސްގަނޑެއްގައި ހުއްޓެއް ކަމަކު، އޭނާގެ ހިތް އެދި ގޮވަމުން ދަނީ އިންވެގެން އޮތް ބޯޑަރުގެ އަނެއް ފަރާތުގައި ދިރިއުޅެމުންދާ އާއިލާ މެންބަރުންނާ އެއްފަސްވުމަށެވެ.

އިނގިރޭސިންގެ އަޅުވެތިކަމުގައި އޮތް އިސްތިއުމާރީ އިންޑިއާ ބައި ކުރުމުގެ ތާރީޚީ މުނާސަބާއަށް 75 އަހަރު ފުރިފައި ވާ އިރު، މިދިޔަ ހުކުރު ދުވަހުވެސް ޢަލީގެ ދުޢާއަކަށް ވީ އޭނާގެ ކާފަދަރިފުޅަށް، އޭނާ އުފަންވި ގެއަށް ޒިޔާރަތް ކޮށްލެވޭނެ މަގު ތަނަވަސްވުމެވެ. އެ ގެއަކީ، މިއަދުވެސް ޢަލީއާ އެއް ލޭ ހިނގާ ޢާއިލީ މެންބަރުން ދިރިއުޅެމުންދާ ގެއެކެވެ.

މިހާރު އަހަރެންގެ ހިތަށް އަރާ، އަހަރެންގެ ކާފަދަރިފުޅަށްވެސް އިންޑިއާއަށް ދަތުރުކޮށްލެވޭނެ ނަމައޭ. އަހަރެންގެ ކާބަފައިންގެ ގެއަށް ޒިޔާރަތް ކޮށް، އެ ދަރިފުޅުގެ ކާފަ އުފަންވި ގެ ބަލާލެވޭނެ ނަމައޭ. އަހަރެންގެ ދަރިން އެ ގެއަށް ޒިޔާރަތް ކޮށްފި. ހިތަށް އަރާ ވިސާގެ ކަންކަމަށް ދޫ ދޭނަމައޭ. އެހެން ކުދިންނަށްވެސް އާއިލާގެ މެންބަރުންނަށް ޒިޔާރަތް ކޮށްލެވޭނެ ގޮތެއް ވުން އެދުމަކީ.
ޢަލީ ޙަސަން ބަޤާއީ؛ އިންޑިއާއަށް އުފަންވި ޕާކިސްތާން ރައްޔިތެއް

ޢަލީ އުފަންވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށެވެ. 1947 ވަނަ އަހަރު، އިސްތިއުމާރީ އިންޑިއާ ބައި ކުރުމުގެ 1 އަހަރު ކުރިން، 1946 ގައެވެ. އެ އާއިލާގެ އެންމެ ދޮށީ މެންބަރަކީ ޢަލީ ކަމަށް ވާ އިރު، އެއީ އޭނާގެ މާމައާއި ކާފަގެ އެންމެ ލޯބިވާ ދަރިފުޅެވެ. މާމައާއި ކާފައާއެކު ޢަލީ އިންޑިއާއިން ނުކުތީ 1951 ވަނަ އަހަރުއެވެ. ޢަލީގެ އަންހެން ކޮއްކޮ އާއި އޭނާގެ މައިންބަފައިން އިންޑިއާގައި މަޑު ކުރީ އިންޑިއާގައި ގެދޮރު ހުރުމުންނާއި، ޕާކިސްތާނަށް ބަދަލުވުމުގެ ކުރިން ހަމަޖައްސަންޖެހޭ ބައެއް ކަންކަން ހަމަޖެއްސުމަށެވެ. ނަމަވެސް، އިންޑިއާއިން ނުކުތުމަށް ދީފައި އޮތް މުހުލަތު ހަމަވިއިރުވެސް އެމީހުންނަށް އިންޑިއާއިން ނުކުމެވޭ ގޮތް ނުވެ، އިންޑިއާގައި ބަންދުވިއެވެ. ޢަލީގެ އާއިލާއާއި އޭނާ ދެތަން ވީއެވެ.

އިންޑިއާއާއި ޕާކިސްތާން، ވަކި 2 ޤައުމެއްގެ ގޮތުގައި އުފެދުނު ފަހުން އަދާ ޖެހުނު އިރު ވަރުގަދަ 3 ހަނގުރާމައެއް ކޮށްފިއެވެ. ދޭދޭ ގުޅުންތަކުގެ ހީނަރުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދޭދޭ ވިޔަފާރީގެ ގުޅުމެއް ނޯވެއެވެ. ޑިޕްލޮމެޓިކް ގުޅުންތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ހީނަރުވަމުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރުމަށް ވިސާ ދޫކުރުމުގެ ކަންކަން އޮންނަނީ އިންތިހާއަށް ހަރުކަށިކޮށްފައެވެ. ފުރުޞަތެއް ލިބުމަކީ ތަދު ބޭހަކަށް ވުރެ ތަދު ކަމެކެވެ.

އިންޑިއާއަށް ދަތުރު ކުރުމުގެ ފުރުޞަތު، 2014 ވަނަ އަހަރު ޢަލީއަށް ލިބުނެވެ. އެއީ އޭނާގެ މަންމައާއި އާއިލާގެ ބައެއް މެންބަރުން ފެންނާނެ އެންމެ ފަހު ދަތުރުކަމެއް ޢަލީގެ ހިތަށް އެއް ފަހަރުވެސް އަރާފައެއް ނެތެވެ.

2014 ގައި އިންޑިއާއަށް ދަތުރުކުރިން. އޭރު އަހަރެންގެ މަންމަ ވަރަށް ބަލި. އިންޑިއާއަށް ދިޔައީ މަންމައާ ބައްދަލުކޮށްލަން. މަންމައާ އެ ފަހަރު ބައްދަލުވީ ވަރަށް ޒަމާން ކޮށްފަ. މަންމަ އޮންނަނީ އެނދުމަތިވެފަ. މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީވެސް އަހަރެން. އެކޮޅުގަ 15، 16 ދުވަސް ހޭދަ ކުރިން. ވަރަށް އުފާވެރި ވަގުތުތަކެއް މަންމައާއެކު ހޭދަ ކުރިން. އެކަމަކު، އިންޑިއާއިން ފުރައިގެން އައި އިރު، ހިތަށްވެސް ނާރާ ދެން ދުވަހަކުވެސް މަންމައާ ބައްދަލެއް ނުވާނެއެކޭ.
ޢަލީ ޙަސަން ބަޤާއީ؛ އިންޑިއާއަށް އުފަންވި ޕާކިސްތާން ރައްޔިތެއް

ޢަލީގެ 2 އުޚުތަކާއި މަންމަވެސް މިހާރު ވަނީ މި ފަނާވަނިވި ދުނިޔެއާއި ވަކިވެފައެވެ. އެ ޖަނާޒާތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ޢަލީއަކަށް ނުލިބުނެވެ. 2 ފަހަރެއްގެ މަތިން ވިސާ ހޯދަން އެދި ހުށަހެޅިއެވެ. ނަމަވެސް، އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި، ކޮންމެ ފަހަރަކުވެސް ވިސާ ރިޖެކްޓް ކުރެއެވެ.

އިންޑިއާގައި ދިރިއުޅެމުންދާ ޢަލީގެ އާއިލާއަށްވެސް ދިރިއުޅެން ޖެހިފައި ވަނީ އެފަދަ ގޮތަކަށެވެ. ޕާކިސްތާނުގައި ކުރިއަށް ދިޔަ ޢަލީގެ ދަރިންގެ ކައިވެނި ހަފުލާތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ މެންބަރުންނަކަށްވެސް ނުލިބުނެވެ.

މިކަހަލަ އެތައް ހާސް އާއިލާއެއް އުޅޭ. ބައެއް މީހުން ޕަންޖާބުގަ، ނޫނީ އެހެން ކޮންމެވެސް ތާކު. މި ބައި ކުރުމުގެ ސަބަބުން، ހިތުގަ އިންތިހާ ވޭން އަޅާ. އަހަރަމެން މި އުފުލާ ތަކުލީފުތައް އެމީހުންވެސް އުފުލާ. ޖަނާޒާތަކުގައި ބައިވެރި ނުވެވުނީމަވެސް އެއީ ހާދަ ބޮޑު ހިތާމައެކޭ. ޕާކިސްތާނު ކޮޅުންވެސް އެކަން އޮތީ އެހެން. މިކަމުގެ ސަބަބުން އަހަރަމެންނަށް ބޮޑު ތަކުލީފެއް ޖެހިފަ މިއޮތީ. 2 ޤައުމުގެ ސަރުކާރުތަކުންވެސް ރައްޔިތުންގެ އަޑު އެބަ އަހަން ޖެހޭ. ރައްޔިތުންގެ ޝަކުވާތައް އަޑު އަހާ، އެކަމަށް ވިސްނަން ޖެހޭ.
ސަޢީދު އާބިދު ބަޤާއީ؛ ޢަލީގެ ކޮއްކޮ

އެ އާއިލާގެ ގުޅުން ދެމި އޮންނަނީ ޓެކްނޮލޮޖީގެ ވިއުގާގެ ތެރޭގައެވެ. ފޯނު ކޯލާއި ވީޑިއޯ ކޯލުގެ ފާލަމުގައެވެ. އުމުރުން 76 އަހަރުގެ ޢަލީ، އޭނާގެ އާއިލާ މެންބަރުންނާ ޤަވައިދުން ގުޅާ ހަދާއެވެ. ނަމަވެސް އެއީ އެއް ފަސްގަނޑެއްގައި ތިބެގެން ދެވޭ ލޯތްބާ ނުބައްދަލު ކަމެއްކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެއެވެ.

އިސްތިއުމާރީ އަޅުވެތިކަމަށް ނިމުން ގެނެސް އިންޑިއާ ބައި ކުރެވިގެން ދިޔަ ގޮތުން އުފެދުނީ މައިގަނޑު ގޮތެއްގައި ހިންދޫ އާބާދުގެ މައްޗަށް އުފެދުނު އިންޑިއާއާއި، މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ޕާކިސްތާންއެވެ. ދެ ޤައުމަށް މީހުން ބައިވެގެން ދިޔަ ދިއުމަކީ، ތާރީޚުގައި އެފަދަ ގޮތަކަށް އެއްތަނުން އަނެއް ތަނަށް ބަޔަކު ހިޖުރަ ކުރުމަށް ހިންގި އެންމެ ބޮޑު އެއް ހަރަކާތެވެ. ސިޔާސީ ހަލަބޮލިކަމާއި ލޭ އޮހުރުވުންތަކުގެ ތެރެއިން ގާތްގަނޑަކަށް 15 މިލިއަނެއްހާ މުސްލިމުންނާއި ހިންދޫންނާއި ސިކުން، ދޭދޭ ޤައުމުގެ މެދުގައި ހިޖުރަކުރިއެވެ. އެތައް މިލިއަން ފުރާނައެއް ގެއްލިދިޔައެވެ.

- ކޮމެންޓް