ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 08:14
ޔުނައިޓެޑުން ކުޅުނު މެޗުގެ ތެރެއިން
ޔުނައިޓެޑުން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިނގިރޭސި ޕްރިމިއަރ ލީގު
ލަދުވެތި ބައްޔަށްފަހު ޓެން ހާގް ބުނީ އިތުރު ކުޅުންތެރިން ބޭނުންވާކަމަށް
މިއީ 1921 ގެ ފަހުން، ލީގުގެ ފުރަތަމަ ދެ މެޗުގައި ޔުނައިޓެޑުން ބަލިވި ފުރަތަމަ ފަހަރު
ދެ ވަނަ މެޗުގައި ބްރެންޓްފޯޑު އަތުން ބަލިވީ 0-4 ގެ ބޮޑު ތަފާތަކުން

މެންޗެސްޓަރ ޔުނައިޓެޑަށް އިތުރު ކުޅުންތެރިން ބޭނުންވާކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑު ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އެ ޓީމުވަނީ ބްރައިޓަން އަތުން ބަލިވެފައެވެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ވަނީ ބްރެންޓްފޯޑު އަތުން ލަދުވެތި ގޮތަކަށް ބަލިވެފައެވެ.

މިއީ 1921 ގެ ފަހުން، ލީގުގެ ފުރަތަމަ ދެ މެޗުގައި ޔުނައިޓެޑުން ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެންޓްފޯޑުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މެޗަށް ޓީމެއްގެ ގޮތުގައްޔާއި އަދި އިންޑިވިޖުއަލީ ވެސް ތައްޔާރުވާން ޖެހޭނެ ކަމަށެވެ. ޓެން ހާގް ބުނީ "ޑިމާންޑް" ތައް ގެންނަން ޖެހޭ ކަމަށާއި، މިހާރު އޮތް ގޮތް ރަނގަޅު ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އިތުރު ކުޅުންތެރިން ބޭނުންވާކަން ސާފު ކަމަށެވެ. ނަމަވެސް މިވަގުތު އެކަމާ ވިސްނަން ބޭނުންނުވާކަން ފާހަގަކޮށް ޓެން ހާގް ބުނީ، ޓީމުގައި ތިބި ރަނގަޅު ކުޅުންތެރިން މިހާރަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. ޓެން ހާގް ބުނީ ރަނގަޅު ފެށުމަކަށް އޭނާ އުންމީދު ކުރި ކަމަށެވެ. ސަބަބަކީ ޔުނައިޓެޑުން އޭނާއަށް ރަނގަޅު ކަންތައްތަކެއް ފެނުމުން ކަމަށެވެ. ނަމަވެސް ދެ މެޗަށްފަހު ލިބުނު ނަތީޖާ އަކީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.

އޭނާ ބުނީ ކަންކަން އެނަލައިޒް ކުރުމަށްފަހު ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އެއް ކަމެއް ސާފު ކަން ފާހަގަކޮށް ޓެން ހާގް ބުނީ، ޓީމުން ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ބްރައިޓަން އަދި ބްރެންޓްފޯޑު ބަލިކުރެވޭހާ ޔުނައިޓެޑު ރަނގަޅު ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ނުވީ ކީއްވެތޯ އަމިއްލައަށް ސުވާލު ކުރަން ޖެހޭ ކަމަށެވެ.

ޓެން ހާގް ވަނީ އޭނާ އަކީ ޒިންމާ ނަގަންޖެހޭ ފަރާތްކަމަށް ބުނެ، ދެ މެޗުން ވީ ބަލީގެ ޒިންމާ ނަގާކަމަށް ވެސް ބުނެފައެވެ.

- ކޮމެންޓް