ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 08:13
ލީގުގައި ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ލީގުގައި ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ
ސްޕެނިޝް ލީގު
ބާސެލޯނާއިން ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ
މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި

ސްޕެނިޝް ލީގުގައި ބާސެލޯނާގެ ފުރަތަމަ މެޗުގައި ރަޔޯ ވަޔަކާނޯ އަތުން ޕޮއިންޓަކާއެކު ފުއްދާލަން ޖެހިއްޖެއެވެ.

އައު ސީޒަނުގެ ފުރަތަމަ މެޗަށް ކުރިމަތިލާން އޮތް އިރު، އަލަށް ގެނައި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި އެ ޓީމަށް މައްސަލަތަކާ ދިމާވިއެވެ. ނަމަވެސް ބާސެލޯނާއިން ފަހު ވަގުތު ވަނީ ކުޅުންތެރިން ރަޖިސްޓްރީކޮށްފައެވެ. ރަޔޯ ވަޔަކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި އަލަށް ގެނައި ހަތަރު ކުޅުންތެރިޔަކު ވަނީ ކުޅެފައެވެ. އެއީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި ބްރެޒިލްގެ ރަފީނިއާ އާއި ފްރޭން ކެސީ އަދި އަންދްރޭސް ކްރިސްޓެންސެންއެވެ.

ގިނަ ކާާޑުތަކެއް ފެނުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެލްޓަ ވިގޯ އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުގެންނެވެ. އަދި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު ވިލަރެއާލުން ވަނީ 3-0 އިން ކާމިޔާބުކޮށްފައެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި މިވަގުތު ތިން ޕޮއިންޓާއެކު އޮތީ ވިލަރެއާލްއެވެ. ދެ ވަނައިގައި އޮތް އޮސަސުނާ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ދެން ކުޅުނު ކޮންމެ ޓީމަކަށް ވެސް އެއް ޕޮއިންޓު ލިބޭއިރު، ބާސެލޯނާ މިވަގުތު އޮތީ ފަސް ވަނަ މަގާމުގައެވެ.

- ކޮމެންޓް