ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 13:06
އުމްރާގެ އަޅުކަމަށް ހުޅުވާލުން
އުމްރާގެ އަޅުކަމަށް ހުޅުވާލުން
-
އުމްރާގެ އަޅުކަން
ޓުއަރިސްޓު ވިސާގައި ސައުދީއަށް އެތެރެވާ ފަރާތް ތަކަށްވެސް އުމްރާގެ އަޅުކަން އަދާކުރެވޭނެ
މިއީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް
ޔޫއެސް، ޔޫކޭ އަދި ޝެންގެން ވިސާގައި އެތެރެވާ ފަރާތްތަކަށްވެސް އުމްރާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ޓުއަރިސްޓް ވިސާގައި އެޤައުމަށް އެތެރެވާ ފަރާތްތަކަށްވެސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ހުއްދަ ދިނުމަށް ސައުދީއަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީ އިން ނިންމައިފިއެވެ.

މިނިސްޓްރީއާއި ޙަވާލާދީ "ޚަލީޖްޓައިމްސް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 49 ޤައުމަކަށް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން "ވިޒިޓް ސައުދީއަރަބިއްޔާ"  ޕޯޓަލް މެދުވެރިކޮށް ވިސާއާއި ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

މިއީ ވީހާވެސް ގިނަ ބަޔަކަށް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ޤައުމުން ނިންމި ނިންމުމެކެވެ.

މީގެ އިތުރުން ޔޫއެސް، ޔޫކޭ އަދި ޝެންގެން ވިސާގައި އެތެރެވާ ފަރާތްތަކަށްވެސް އުމްރާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ 1444 ވަނަ އަހަރަށް އުމްރާގެ އަޅުކަން ފެށިގެން ދިޔައިރު އެ ޤައުމުން އަމަލު ކުރަމުންދާ އުސޫލުތަކެވެ.

ސައުދީ ގެޒެޓުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޤައުމަށް އެތެރެވާ ފަރާތްތަކަށް 12 މަހުގެ ޓުއަރިސްޓު ވިސާއެއް ހޯދިދާނެއެވެ. އަދި ޓުއަރިސްޓު ވިސާ ލިބުމުން އެ ޤައުމުގެ އެކި ކަންކޮޅުތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުފަތުރު ކުރެވޭނެއެެވެ. އެހެންނަމަވެސް އެއީ އެ ޤައުމުން ފުރުސަތު ހުޅުވާލާފައިވާ ލިސްޓުގައި ހިމެނޭ ޤައުމު ތަކުންދާ މީހުން ނަށް ވާން ޖެހެއެވެ.

އުމްރާއަށް ދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސައުދީ އިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މިއަހަރު އުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތްތަކުން ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއާއި ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓު ވެސް އަދި ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އުމްރާއަށްދާ ފަރާތްތަކުން ހަދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކޮވިޑު ޖެހިއްޖެ ހާލަތެއްގައި ބޭސްފަރުވާއަށް އިންޝުއަރެންސް އަދިވެސް މަޖުބޫރު ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި މުއްދަތުގައި އެ ފަރާތްތަކަށް މައްކާ އާއި މަދިނާ އަދި ސައުދީގެ އެހެނިހެން ސިޓީތަކުގައި އެއްވެސް ހުރަހެއް ނެތި އުޅެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު އުމްރާއަށްދާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޯޓަލް އެއްވެސް ސައުދީ އިން ވަނީ ތައާރަފުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް އުމްރާ ވިސާއަށް އެދެވޭނެ ކަމަށާއި އުމްރާއަށް ދާ ފަރާތްތަކުން އަމަލު ކުރަންވާ ގޮތުގެ މައުލޫމާތު ވެސް ޕޯޓަލް އިން ލިބޭނެއެވެ.

- ކޮމެންޓް