ހއ. ހޯރަފުށީ އެއަރޕޯޓް އަށާއި ގދ. މާވަރުލު އެއަރޕޯޓަށް ރޭގަނޑު ދަތުރު ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އިން ބުނެފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ރޭގަނޑު ދަތުރުތައް ފެށުމަށް އެއަރޕޯޓުތަކުގެ ރަންވޭގައި ލައިޓުތައް ހަރުކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން، ހދ. ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ހޯރަފުއްޓާއި މާވަރުލުގެ މަސައްކަތް ފެށުމަށް ބިޑަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި މިއީ މި މަސައްކަތް ކުރުމަށް އިއުލާން ކުރި ދެވަނަ ފަހަރެވެ. މަސައްކަތް ހަވާލު ކުރާނެ ބަޔަކު ފައިނަލްކޮށް، ވަގުތުން މަސައްކަތް ފެށިގެންދާނެ ކަމަށާއި އެއަރޕޯޓެއް ފުރިހަމަ ވާނީ އެ ލައިޓުތައް ހަރުކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓަކީ ފަތުރުވެރިންގެ މޫވްމަންޓުތައް ގިނަ ދެ އެއަރޕޯޓުކަން ފާހަގަ ކުރައްވައި ރިޒްވީ ވިދާޅުވީ ރޭގަނޑު ދަތުރުތައް ފެށުމަކީ ފަތުރުވެރިންނަށް އެ ސަރަހައްދަށް ދަތުރު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި ބަލި މީހުން ގެންދިއުމަށް ވެސް ބޮޑެތި ލުއިތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މިހާރު ރޭގަނޑު ވަގުތުގައި ބަލި މީހަކު ފުރުވާނަމަ ކައިރީގައި އޮންނަ އެއަރޕޯޓުގެ ބަދަލުގައި އެހެން އެއަރޕޯޓެއް ޚިޔާރު ކުރަން ޖެހޭ ކަމަށް ރިޒްވީ ވިދާޅުވިއެވެ.
މި ސަރަހައްދުތަކަކީ ޓުއަރިސްޓުންގެ މޫވްމަންޓުވެސް އިތުރު ސަރަހެއްދެއް. އަދި ބަލި މީހުން ގެންދަންވެސް ފަސޭހަވާނެ. މިހާރު މި ޖެހެނީ އެހެން އެއަރޕޯޓަކަށްދާން. އެހެންވެ މި ޚިދުމަތް އަވަހަށް ފެށޭތޯ މިބަލަނީ،ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ރިޒްވީ
ބައެއް އެއަރޕޯޓުތަކުން ރޭގަނޑު ދަތުރު ނުކުރެވޭތީ އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުން ކަންބޮޑުވެއެވެ. އެއީ އެކަމުގެ ސަބަބުން އެއަރޕޯޓަށް ކުރާ ދަތުރުތައް މަދުވާތީއެވެ. ނަމަވެސް ރޭގަނޑުގެދަތުރުތައް ފެށުމުން އެއަރޕޯޓުތަކަށް އެއަރލައިންތަކުން ކުރަމުން އަންނަ ދަތުރުތައް އިތުރުވެގެންދާނެއެވެ.
ހޯރަފުށީ އެއަރޕޯޓް އާއި މާވަރުލު އެއަރޕޯޓް އަކީ ރާއްޖޭގައި އެންމެ ފަހުން ހުޅުވި އެއަޕޯޓުތަކެވެ. މި އެއަރޕޯޓުތައް ހިންގަން ރީޖަނަލް އެއަރޕޯޓްސްއާއި ހަވާލުކޮށްފައިވާއިރު މި އެއަރޕޯޓުތަކުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދައި، ކުންފުނީގެ ޚިދުމަތްތައް ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއަރޕޯޓްގެ ތެރެއިން 6 އެއަރޕޯޓް އެއް ހިންގަމުންނެވެ.