އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއެކު ސިޔާސީ މަސައްކަތްކުރުމަކީ ވުމަށް ނުވުން ކައިރިކަމެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް ޕީޕީއެމް/ޕީއެންސީ ސެނެޓުން ވަނީ ކަނޑައަޅާފައެވެ. އަނެއްކޮޅުން ރައީސް ނަޝީދު ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. މީގެއިތުރުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވާއިރު އެކަމުގައި ރައީސް ޔާމީންގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް މީގެކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ގިނަ ދުވަސްތަކަކަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ޔާމީން ރައީސް ނަޝީދާއެކު މަސައްކަތްކުރައްވަފާނެތޯ އާއި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާތޯ ވަނީ ނޫސްވެރިން ސުވާލުކޮށްފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީން އާއި ޕީޕީއެމްއިން ގަބޫލުކުރާ ފިކުރާއި އިސްލާމީ ސިފަތައް ހިމެނޭ ރާއްޖޭގެ ވެއްޓަށް ފެތޭ ޑިމޮކްރަސީ އާއި ރައީސް ނަޝީދު ގަބޫލުކުރައްވާ ހަމަތައް ތަފާތުކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އާއި ޔާމީން އާ އެއްބަސްވެވޭ އެއް އިސްލާހަކީ ރާއްޖެއަށް އެންމެކަމުދަނީ ބަރުލަމާނީ ނިޒާމުކަމަށް ޔާމީން ވިދާޅުވިއެވެ.
އެކަމަކީ ރާއްޖޭގައި އޮންނަންވީ ރިބަރަލް ވެލިޔުސް އާ ރާއްޖޭގައި އޮންނަންވީ ނޯމްސް އާ އިސްލާމް ދީނުގެ ބޮޑެތި އުސޫލީ މައްސަލަތައް ދަމަހައްޓާނެ މިންވަރާއި ލިބަރަލިޒަމް އޮންނާނެ މިންވަރާއި ނޫނީ ކިހާވަރެއްގެ މިންވަރެއްގައިތޯ ރާއްޖެއަށް އިސްލާމް ދީނުގެ ސިފަތައް އެކުލެވޭ ޑިމޮކްރަސީއެއް އޮންނަންވަނީ. މީގައި އަޅުގަނޑާއި ރައީސް ނަޝީދާ ޚިޔާލު ވަރަށް ތަފާތު. ވަރަށް ތަފާތު. އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި ޑިމޮކްރަސީ އޮންނަންވާނެ. އެހެންނަމަވެސް އޭގެތެރޭގައި ހުންނާނެ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އަޅުގަނޑުމެން ބައިވެރިވީއިރުވެސް އޭގައި އިސްލާމީ އުސޫލު ތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ކުރުން ހުއްދަ ނޫން ކަންތައްތައް. އަޅުގަނޑުމެން ރިޒަވޭޝަނާއެކީ ގަބޫލުކޮށްފައި ހުންނަ މުއާހަދާތައް ހުންނާނެ. އެހެންވީމާ އެލިބަރިލިޒަމެއް އަޅުގަނޑުމެންގެ ސަރުކާރުގައި ދޭނެކަމަކަށް ގަބޫލެއްނުކުރަން.ރައީސް އަބްދުﷲ ޔާމީން/ ޕީޕީއެމްގެ ރައީސް
ޔާމީން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ އާންމު ހައްގުތައް ކަމަށްވާ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަންފަދަ ހައްގުތަކުގައި ޚިޔާލުތަފާތުވުން ނޯންނާނެކަމަށެވެ. ނަމަވެސް ވަރަށް ބޮޑެތި ކަންކަމުގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުންތައް އެބަހުރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން އެފިކުރުތައް އެއް ގަލަކަށް ނާރާކަމަށްވާނަމަ ރައީސް ނަޝީދާއެކު މަސައްކަތްކުރާތަން ފެންނާނެކަމަށް ވިސްނިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއަދުގެ ރާއްޖޭގެ ހާލަތާއި ކަންކަން ހުރި ގޮތާއި ވިސްނުމަށް ބަލާއިރު މިއީ ވުމަށްވުރެ ބޮޑަށް ނުވުން ކައިރިކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމވެސް މިހާރު އެމްޑީޕީގެ ތެރޭގައި ތިއުޅޭ ބައިބައި ވުމައި މިހުރިހާ ކަމަކާ ސިޔާސީ ގޮތުން ފައިދާ ނެގުމަށް އެއިން ކޮންމެ ބޭފުޅަކު ކޮންމެ ކަމެއްވެސް ކުރައްވަފާނެ. އޭގެތެރޭގައި ފަހަރުގައި ވެދާނެ ރައީސް ނަޝީދު ކުރިމަތިނުލައްވާކަމަށް ވާނަމަ ރައީސް ސާލިހަށްތޯ ތިމަންނައާ ތިމަންނަ މީހުން ތާއީދުކުރާނީ ނޫނީ ގާސިމަށްތޯ. މީގައި ހިނގައިދާނެ މަސައްކަތްތަކެއް. އެއީ ދަންނަވަން އެނގޭ އެއްޗެއް ނޫން. އެހެންވީމާ ޕީޕީއެމްގެ ސެނެޓުން ޕީއެންސީގެ ސެނެޓަކުން ރަސްމީ ކޮށް ފާސްކުރާނެ ކަމަށް ގަބޫލެއްނުކުރަން ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރަން އެއްބަސްވުމަކަށް އަތުވެދާނެ ކަމަކަށް ރައީސް ނަޝީދު އާއެކުވެސް ނޫނީ ރައީސް ޞާލިހު އާއެކުވެސް އެކުގައި ސިޔާސީ ގޮތުންވެސް ކޯލިޝަން ހަދައިގެންވެސް އެކުގައި މަސައްކަތްކުރަން އެއްބަސްވާނެކަމަށް ގަބޫލެއް ނުކުރަން.ރައީސް އަބްދުﷲ ޔާމީން/ ޕީޕީއެމްގެ ރައީސް