މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކޮށްގެން އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފިއެވެ.
ވޯލްޑް ބޭންކުން އަންގާރަ ދުވަހު ނެރުނުމޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗަރ ރިވިއު (ޕީއީއާރު)ރިޕޯޓް އާއި ގުޅިގެން ވޯލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު އަނބުރާ އިއާދަވުމުގެ މަގުމަތީގައިވާކަން ފާހަގަކޮށްފައެވެ. މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖް ކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ ބޭންކުގެ ޕީއީއާރު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކުގެ ތެރެއިން ހާއްސަކޮށް ބޯހިޔާވަހިކަމަށް އިންވެސްޓްކުރުމަށް ކަމަށެވެ. އެކަމަކު މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ޚަރަދުތަކާއި ދަރަނި އިންތިހާއަށް އަވަސްމިނެއްގައި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. މިފަދަ އިސްލާހީ ބަދަލުތަކަކީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް ފަދަ ބޭރުގެ ލޮޅުންތަކަށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާތީ، ވަރަށް މުހިންމު އިސްލާހުތަކެއްކަން އެ ބޭންކުން ފާހަގަކުރެއެވެ.
ޕީއީއާރު ރިޕޯޓުގައި، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ވަނީ ދެނެގަނެފައެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓަރ ކުރުން ހިމެނެ އެވެ.
ވޯލްޑް ބޭންކުން ބުނީ ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ދައުލަތުގެ ހަރަދުތައް ބެހުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުން ބޯހިޔާވަހިކަމުގެ ދާއިރާގައި، އާމްދަނީއަށް ބިނާކޮށް ޓާގެޓްކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުމަކީ، ގެދޮރު އަމިއްލަ ކުރުމަށް އެޅޭ އިތުރު ބާރަކަށް ވާއިރު، އެއީ ކުލި ދައްކަމުން ގޮސް ގެދޮރު އަމިއްލަ ކުރުމަށް ހިންގާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ.
ދައުލަތުގެ މުވައްޒަފުން އުޖޫރައާ ގުޅޭ ގޮތުން، ހަމަހަމަކަމެއްނެތް އިނާޔަތްތަކުގެ ތެރެއިން ގިނަ އިނާޔަތްތައް އެއްހަމަކޮށް ނުވަތަ ދިނުން ހުއްޓާލައި އަދި އިތުރު ގަޑީގެ އިނާޔަތް ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށް ނެޝެނަލް ޕޭ ކޮމިޝަނަށް ވިސްނިދާނެކަމަށް ވޯލްޑް ބޭންކުން ލަފާދީފައިވެއެވެ. އަލަށް އެކުލަވާލެވުނު ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ ރަނގަޅު މިސްރާބަށް އެޅުނު ފުރަތަމަ ފިޔަވަޅު ނަމަވެސް، މި އިސްލާހު ކާމިޔާބުކުރުމަށްޓަކައި، މުސާރަތަކަށް ކުރާ ޚަރަދު ކޮންޓްރޯލް ކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމާއި، އެ ނޫން ވެސް ކަމާ ގުޅޭ އިސްލާހުތައް ގެނައުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށްވެސް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
ވޯލްޑް ބޭންކުން އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިވިލް ސާވިސްގައި "ޑަބަލް ޕެންޝަން" ނައްތާލައި، ޕެންޝަން ނިޒާމުގެ ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި، މިހާރު ރިޓަޔާކޮށްފައިވާ ފަރާތްތަކަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ ފަރާތްތަކަށް، މި ސްކީމްގެ ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން މަސައްކަތްކުރަމުންދާއިރު، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ދަނީ މަސައްކަތްކުރަމުންނެވެ.