ނޫސްވެރިޔާ އަދި ބްލޮގަރ އަހުމަދު ރިލްވާން ގެއްލުވާލިތާ އޮގަސްޓް 8ށް 8 އަހަރު ވެފައިވާއިރު، އެކަން ހިންގުމުގައި ފުރަގަހުގައި ތިބި މީހުން އަދިވެސް މިނިވަންކަމާއެކު އެބަ ތިބިކަމަށް އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް(އޭޑީއެމް)އިން ބުނެފިއެވެ.
އޭޑީއެމްއަކީ އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިނިވަން ނޫހުގައި މަސައްކަތްކުރަމުން އަންނަނިކޮށް ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އެޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ; ރިލްވާނަކީ ނޫސްވެރިކަން ކުރުމުގެ އިތުރުން، މަޝްހޫރު ބްލޮގް "މޮޔަމީހާ"ގެ ޒަރީއާއިން، އިޖްތިމާއީ އަދި ސިޔާސީ މައުލޫތަކާއި ދީނީގޮތުން ގެންގުޅޭ ހަރުކަށި ފިކުރާ ގުޅޭގޮތުން ގިނަ ލިޔުންތައް ޝާއިއުކޮށްފައިވާ ޒުވާނެއްކަމަށެވެ. "ގަބޫލުކުރެވޭގޮތުގައި ރިލްވާނަށް ހަމަލާދީފައިވަނީ އޭނާއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށްތުހުމަތުކުރާ ބައެކެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ރިލްވާން ގަދަކަމުން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމަށް ހުރަސްއަޅައި، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ މީހުން ރާއްޖެއިން ފިލައިގެން ދިޔުމަށް އެހީތެރިވެދީ، އަނެއްބަޔަކު ރައްކާތެރިކޮށްދިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރިލްވާންގެ އާއިލާއިން ހަތަރު އަހަރު ވަންދެން އަނިޔާ ތަހައްމަލުކުރިކަމަށެވެ. އިތުރު ހަތަރު އަހަރު ދުވަހު އާއިލާއިން އިންތިޒާރުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި އިންސާފަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މަސައްކަތްތައް ފާހަގަކުރުމާއެކު، ރިލްވާން ވަގަށްނަގައި ގެއްލުވައިލި މައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ތިން މީހަކު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާކަން އެ ޖަމްއިޔާއިން ބަލައިގަންނަކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ހަގީގަތަކީ އެކަން ހިންގުމުގެ ފުރަގަހުގައި ތިބި މީހުން އަދިވެސް މިނިވަންކަމާއެކު ތިބުންކަމަށާއި، އަދި އެއީ ރިލްވާނެކޭ އެއްފަދައިން އިތުރު އެތައް ބަޔަކަށް ބިރު ދައްކައި އިންޒާރުދީފައިވާ ބައެއްކަމަށް ބަޔާނުގައިވެއެވެ.
ރައީސް ސޯލިހު ވަނީ މިޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވާނެކަމުގެ ވައުދުވެ ވަޑައިގަންނަވާފައިކަމަށާއި، އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސޯލިހަށް ދިވެހިންގެ ގިނަ ބަޔަކު ވޯޓު ދިން އެއް ސަބަބުކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރިލްވާން ގަދަކަމުން ގެއްލުވައިލުމުގެ ފުރަގަހުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭހާ ހިނދަކު ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދަވައިދެއްވިކަމަށް ގަބޫލުނުކުރެވޭނެކަން، އެމަނިކުފާނަށް އަޅުގަނޑުމެން ހަނދުފުޅުމަކޮށްއަރުވަމެވެ.އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްގެ ނޫސް ބަޔާން
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު، މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް އަރުވާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެމަސައްކަތް އަދި ނިމިފައެއްނުވެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރި ވަރަށްވުރެ މާ ބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި، ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށެވެ.
މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200ށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާކަމަށެވެ. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަހުގީގުކޮށް، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލައިގައި، ދައުވާކުރުމަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ހިމެނޭ; މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް، މއ. ފާގަފިލާގެ، އަހުމަދު އިސްމާއީލް އަދި ދަފްތަރު ނަންބަރު 8499، އަހުމަދު މުއާޒުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.