ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 18:19
 މިނިސްޓަރ އިބްރާހީމް އަމީރު ބީލަން ޕޯޓަލް ލޯންޗުކޮށްދެއްވައި ވާހަކަދައްކަވަނީ
މިނިސްޓަރ އިބްރާހީމް އަމީރު ބީލަން ޕޯޓަލް ލޯންޗުކޮށްދެއްވައި ވާހަކަދައްކަވަނީ
ފިނޭންސް މިނިސްޓްރީ
ތެލުގެ ސަބްސިޑީއަށް ބަދަލުގެނައުން
ތެލުގެ ސަބްސިޑީއަށް ގެންނަ ބަދަލުތައް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިއުލާން ކުރާނެ: އަމީރު
ތެލުގެ ސަބްސިޑީއަށް މިއަހަރުގެ މިހާތަނަށް ބިލިއަނަކަށްވުރެ ބޮޑު ހަރަދެއް ވަނީ ކޮށްފައި
ތެލުގެ ސަބްސިޑީ އިތުރުކުރަން ޖެހިފައިވަނީ ރަޝީއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލިފައިވާތީ
ތެލުގެ ސަބްސީޑީ ބޭނުން ޖެހިފައިތިބި މީހުންނަށް ލިބޭ ގޮތަށް އުސޫލަށް ބަދަލުގެންނަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ތެލުގެ ސަބްސިޑީ ދިނުމަށް ސަރުކާރުން ގެންނަ ބަދަލުތައް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި އާއްމު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް އަމީރު ވިދާޅުވީ ސަބްސިޑީއަށް ގެންނަ ބަދަލުގެ އުސޫލުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ ޓެކްނިކަލް މަސައްކަތްތައް ކަމަށާއި އެ މަސައްކަތް ނިންމައި އުސޫލު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ.

އަމީރު މިހެން ވިދާޅުވީ ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކޮށް، ތަންފީޒުކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ރައީސް ވިދާޅުވެފައިވަނިކޮށެވެ. މިއަހަރުގެ މިނިވަންދުވަހުގެ ޚިތާބުގައި ރައީސް ވިދާޅުވީ ރަޝިޔާ–ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު އިންތިހާއަށް ވަނީ އުފުލިފައި ކަމަށެވެ. އެހެންނަމަވެސް އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރު ދިވެހިންނަށް އިހުސާސު ނުކުރެވެނީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލާތީ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ތެލުގެ ސަބްސިޑީއަށް ބަދަލު ގެންނަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، މިއަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ 341.5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ތެލަށް ދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށް ކަމަށެވެ. ފުރަތަމަ ކަމަކީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީއެވެ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ތެލުން ސަބްސިޑީ ދޭ އަނެއް ދާއިރާ އަކީ، މަސްވެރިންނަށް ބޭނުންވާ ތެލުންނެވެ. ރައީސް ވިދާޅުވީ ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއީ މިޙާލަތާ ގުޅޭ ގޮތަށް އިޤްތިޞޯދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ސަބްސިޑީގެ އުސޫލު އޮންނަގޮތުން ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ލިބެއެވެ. ނަމަވެސް ސަބްސިޑީއަކީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދޭ އެއްޗަކަށްވުމުން އެބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް މަރކެޓް ދިރާސާ ކުރާ ފަރާތްތަކުން ވެސް ދެކެއެވެ. މީގެ ސަބަބުން ބަޖެޓަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެފަރަތާތްތަކުން ގަބޫލުކުރެއެވެ.

- ކޮމެންޓް