ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދު އަޚުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ 4 ފޮޓޯގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތްކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާގުޅިގެން، ކެނެރީގެއާއި މުރައިދޫގެ ބަލާ ފާސްކުރަން އެންގިކަަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
އެކަމާގުޅިގެން މީޑިޔާއެއްގައި ރިޕޯޓްކޮށްފައިވަނީ، ނަޝީދު ދެއްކެވި ވާހަކަފުޅާގުޅިގެން، ކެނެރީގެއާއި މުރައިދޫގެ ބަލާ ފާސްކުރަން ރައީސް ސޯލިހު ވަނީ އަންގަވާފައިކަމަށެވެ. އަދި އެކަމަށް އަމުރުކުރެއްވުމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ވަނީ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވެފައިކަމަށެވެ. ނަމަވެސް ދެ ރައީސުންގެ މަޝްވަރާތަކަށްފަހު އެ އޮޕަރޭޝަން ހުއްޓާލަން އެންގެވީކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެންގުން އެންގެވީ ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ފޮޓޯތައް އާންމުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވުމުންކަމަށާއި، އަދި ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަަމަށް ރައީސް ސޯލިހުވެސް ވިދާޅުވުމުންކަމަށެވެ.
އެ ވާހަކަތައް ހިމެނޭ ރިޕޯޓަކަށް ރައްދުދީ ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މުރައިދޫގެއާއި ކެނެރީގެ ފާސްކުރަން ސަރުކާރުން އަންގާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރިޕޯޓްގައި ހުރީ މުޅީންވެސް ދޮގު ވާހަކަތައް ކަމަށެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅުތަކެއް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު، ރައީސް ނަޝީދުގެ މިތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒު "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހުއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އެފަދަ އެއްވެސް ކަމެއް ރައީސް ސޯލިހު ނުކުރައްވާކަމުގެ ޔަގީންކަން ރައީސް ދެއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން އެކުއްޖާ ހޯދަން ސަރުކާރުން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކަކީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި، އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދު ގެންދަވަނީ ހިތްޕުޅުހަމަނުޖެހި ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
ނާޒިމް ހައްޔަރުކުރުމާއެކު ނަޝީދު ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވީ، ކޮއްކޮ ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަންކަމަށެވެ.