ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މީޑިޔާއާ ބައްދަލުކުރައްވައި، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.
މީޑިޔާއާ ބައްދަލުކުރައްވައި މި ބަޔާން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ.
ގުޅިފައިވާ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެ ގައުމުގެ ދެމެދު އޮތް އެތައް ގަރުނެއްވީ އެކުވެރި ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ އެކިއެކި މުއާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ، މިހާރު ކުރިޔަށްދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
މިއަދު ކުރިޔަށްދިޔަ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމާއި، 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި، މިއީ ދެ ގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ހެކިކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންގއެއް ދިނުމަށް އެއްބަސްވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި ހަމަ އެހެންމެ، އެމަނިކުފާނު ވަނީ، ހައްދުންމަތީ ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލާއި ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫއުފަދަ މުހިންމު މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމުމަށް މަގުފަހިވާގޮތަށް އިންޑިއާ ސަރުކާރުން އިތުރު އެހީތެރިކަން ދިނުމަށް ނިންމާފައިވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަންވެސް ފާހަގަކުރައްވައި، އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑް-19ން ލިބުނު ފިލާވަޅުތަކުގެ އަލީގައި އެފަދަ ކަންކަމުން ކުރިމަތިވެދާނެ އިގުތިސާދީ ހީނަރުކަމުން އަރައިގަނެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ގައުމަށް ފައިދާހުރި އަދި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީޑިޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީ.ޑީ.އާރު.އައި)، އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގައި ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި، 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަނަށް ވާސިލުވުމަށް އިންޑިއާއިން ވެފައިވާ ވަައުދަށް މަރުހަބާވިދާޅުވެފައެވެ. އިންޑިއާގެ ބޮޑުވަޒީރުވެސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ނެޓް ޒީރޯއަށް ވާސިލުވުމަށް ވައުދުވެފައިވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާއީ ދާއިރާއިން ދެގައުމުން ދެގައުމަށް ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެވަނަ ލޭންޑިންގ އެސޯލްޓް ކްރާފްޓަކާއި، ސީ.ޖީ.އެސް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ދިވެހި ސިފައިންނަށް ދެއްވުމަށާއި، އަދި 24 ޔުޓިލިޓީ ވެހިކަލް ދިވެހި ސިފައިންނަށް ހަދިޔާކުރުމަށް އިއުލާނު ކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ހަގީގީ ރަހުމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމާއި، މި ސަރަހައްދުގެ ސުލްހައާއި ތަރައްގީއަށް ދެގައުމުންވެސް ގެންގުޅޭ ތަސައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.