ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 16:39
ރައީސް ސާލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ގެ ތެރެއިން
ރައީސް ސާލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު
އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސް އެދިވަޑައިގެންފި
މިދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާނެ

އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެދިވަޑައިގަންނަވައިފިއެވެ.

ދެގައުމު ދެމެދު ވެވުނު މުހިންމު އެއްބަސްވުންތަކެއް ބަދަލު ކުރުމަށް އަންގާރަ ދުވަހު އިންޑިއާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑްއާއިއެކު ދިމާވީ ކަންތައްތަކުގެ ސަބަބުން އިކޮނޮމިކް ރިޒީލިއަންސް އަކީ މުހިންމު ކަމެއް ކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސަށް ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އިންޑިއާގެ އިންވެސްޓަރުން މި ފުރުސަތުގެ ބޭނުން ހިފާ ދެ ފަރާތަށް ވެސް ފައިދާ ހުރި ޕާޓްނާޝިޕް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީ އަދި މުމްބާއީގައި އިވެންސްޓަރުންގެ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށާއި މި އިވެންޓްގެ ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާނެއެވެ. މިގޮތުން ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމަންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ ތަރައްޤީ އާއި ޢުމުރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެން ދާނެއެވެ.

- ކޮމެންޓް