ގާތުންދޭ މައިންނާއި މާބަނޑު މީހުންގެ އާދަތައް ހުންނަ ގޮތަށް ބަލާއިރު، އެފަދަ މައިން ކަނީ ކާން ޖެހޭ ވަރަށް ވުރެ މާ ގިނައިން ކަމަށް އައިޖީއެމްއެޗްގެ ބްރެސްޓް ފީޑިން ކޮމިޓީގެ ޗެއާރމަން ޑރ. ނިޔާޝާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ.ނިޔާޝާ ވަނީ ގާތުން ދިނުމާއި މެދު ކުރެވޭ ގިނަ ކުށްހީތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާބަނޑުއިރު އަދި ގާތުން ދޭއިރު ކާ ތަކެތީގެ މިންވަރު ބޮޑުތަނުން އިތުރުކުރަން ޖެހޭ ކަމަށް ގަބޫލުކުރެވިފައިވީ ނަމަވެސް، އެއީ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވިއެވެ. އަދި ކެއުމުގެ ނިސްބަތް އިތުރުކުރުމުގެ ބަދަލުގައި ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަން ދިނުން މުހިންމުކަން ޑރ.ނިޔާޝާ ވިދާޅުވިއެވެ. ގާތުން ދޭ މައިން ކިރު ހުންނަ ބާވަތްތައް ގިނައިން ބޭނުންކުރުމަކީ ގިނައިން ކިރު އުފެދެން މެދުވެރިވާ ކަމެއް ކަމަށް ހީވެފައި އޮތް ނަމަވެސް، ކެއިންބުއިމާއި ކިރު އުފެދޭ މިންވަރާއި ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިރު ހުންނަ ބާވަތްތައް ވަރަށް ގިނައިން އެބަ ބޭނުންކުރޭ. ޚާއްސަކޮށް ގެރި ކިރު ކަހަލަ ވަރަށް ގިނައިން ހަކުރު ހުންނަ ބާވަތްތައް އެބަ ބޭނުން ކުރޭ. ހަގީގަތުގަ ކެއުމާއި ކުއެންޓިޓީ އާއި ގުޅުމެއް ނެތްއައިޖީއެމްއެޗްގެ ބްރެސްޓް ފީޑިން ކޮމިޓީގެ ޗެއާރމަން ޑރ. ނިޔާޝާ އިބްރާހިމް
މީގެ އިތުރުން ގާތުން ދިނުމަށް ވުރެ ފޯމިއުލަރ ބޭނުން ކުރުމުން ލިބޭ ފައިދާ ރަނގަޅުކަމަށް އަދިވެސް ބައެއް މީހުންނަށް ހީވެފައިވާކަމަށް ޑރ. ނިޔާޝާ ވިދާޅުވިއެވެ. ޑރ. ނިޔާޝާ ވިދާޅުވީ ގާތުން ދިނުމާއި ކިރު އުފެދޭ މިންވަރު ގުޅިފައިވަނީ މައިމީހާގެ ފައްސި ވިސްނުމާއި ދަރިފުޅާއި ކަމަށެވެ. ކުޑަ ދަރިފުޅަށް ގާތުން ދޭ ދުރުމިން އިތުރުވާ ނަމަ ގާތުން ދޭން އުނދަނގޫވާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ ގާތުން ދޭ މައިން ގާތުން ދޭ ދުވަސްވަރު ފަލަވާ ކަމަށް ހީވެފައި އޮތް ނަމަވެސް ހަގީގަތުގައި ކަން ހިނގަނީ އެއާ މުޅިން އިދިކޮޅަށް ކަމަށެވެ. ގަތުން ދިނުމަކީ ހަށިގަނޑުން ގިނަ އަދަދަކަށް ހަކަތަ އާއި ފެން ބޭނުން ކުރާ ކަމަކަށް ވާތީ އެ ދުވަސްވަރު މައި މީހާ ހިކުމަށް މަގުފަހިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަރަށް ފެން ވެސް ބޭނުން ކުރާ ކަމެއް މިއީ. އެހެންވީމަ ހަށިގަނޑުގެ އެކި ދިމަދިމާލުގައި ހުންނަ ސަރުބީތައް ވެސް ވިރުވާލާ ވަރަށް ފަސޭހައިން އެ ދުވަސްވަރުއައިޖީއެމްއެޗްގެ ބްރެސްޓް ފީޑިން ކޮމިޓީގެ ޗެއާރމަން ޑރ. ނިޔާޝާ އިބްރާހިމް
ފުރަތަމަ 1000 ދުވަހު ގާތުން ދިނުމަކީ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ ކުއްޖާގެ ހަޔާތުގެ ވަރަށް މުހިންމު ދުވަސްތައް ކަމަށް ވާއިރު، އެ ދުވަސްވަރު އާދަތައް ބަހައްޓާ ގޮތުގެ އަސަރު މުޅި ދިރިއުޅުމަށް ދެމިގެންދެއެވެ. އެގޮތުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިކުރުމަށާއި ކުޑަ ދަރިފުޅު އެންމެ ފުރިހަމައަށް ހެދިބޮޑުވުމަށް މަގުފަހިކޮށްދިނުމަށް މި ދުވަސްވަރު ގާތުން ދިނުން ވަރަށް މުހިންމެވެ.