ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 08:54
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ޓްވިޓަރ
އައު ސީޒަނަށް ޔުނައިޓެޑުން ތައްޔަރުވުން
ޕްރީ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން ދެއްކި ކުޅުމާމެދު ޓެން ހާގް ހިތްހަމަޖެހޭ
 
ޖުމުލަ ގޮތެއްގައި ޓީމުގެ ކުޅުން ރަނގަޅު، ގިނަ ކަންކަން ރަނގަޅު ވެސް ކުރެވުން

ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗުތަކުގައި މެންޗެސްޓަރ ޔުނައިޓެޑުން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އައު ސީޒަނަށް ތައްޔާރުވުގެ ގޮތުން ޔުނައިޓެޑުން ވަނީ އެކުވެރިކަމުގެ ހަ މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ އަދި ދެ މެޗުން އެއްވަރުވެފައެވެ.

ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން 4-0 ން މޮޅުވީރު، ދެ ވަނަ މެޗުގައި ވަނީ މެލްބޯން ވިކްޓަރީ އަތުން 4-1 ން މޮޅުވެފައެވެ. ތިން ވަނަ މެޗުގައި އެ ޓީމުން ވަނީ ކްރިސްޓަލް ޕެލެސް އަތުން 3-1 ން މޮޅުވެފައެވެ. ހަތަރު ވަނަ މެޗުގައި އެސްޓަން ވިލާ އަތުން 2-2 ން އެއްވަރުވީއިރު، ފަސް ވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑު އަތުން ބަލިވީ 1-0 ންނެވެ. ފަހު މެޗުގައި ރަޔޯ ވަޔެކާނޯއާ އެއްވަރުވީ 1-1 ންނެވެ.

ޕްރީ ސީޒަނާ ގުޅޭ ގޮތުން ޓެން ހާގް ބުނީ ޖުމުލަ ގޮތެއްގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި، ގިނަ ކަންކަން ރަނގަޅު ވެސް ކުރެވުނު ކަމަށެވެ. ޓެން ހާގް ބުނީ މިހާރު އޮތީ އައު ސީޒަނަށް ފުރިހަަމައަށް ތައްޔާރަށް ކަމަށާއި، ނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރިކަން އޭނާ ގަބޫލުކުރާ ކަމަށެވެ.

ޓެން ހާގް ބުނީ ކުރިއަށް އޮތީ އަސްލު މެޗުތައް ކަމަށެވެ. ޓީމުގައި ގިނަ ޒުވާން މޮޅެތި ކުޅުންތެރިން ހިމެނޭއިރު، ޓީމު ސެލެކްޓުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ޓެން ހާގް ބުނީ މެޗުތައް ކުޅުނުއިރު، ކުޅުންތެރިންގެ ބުރަ މަސައްކަތާއި، ގިނަ ފުރުސަތުތައް ތަނަވަސްކުރި މަންޒަރު ފެންނާނެކަމަށެވެ. ނަމަވެސް ބައެއް ކަންކަން ގޯސްކޮށް ދިޔަ ނަމަވެސް، ޖުމުލަ ނަތީޖާއާ މެދު ހިތްހަމަ ޖެހެން ޖެހޭނެކަމަށެވެ.

އައު ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް