ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:32
ރައީސް ސާލިޙް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވަނީ
ރައީސް ސާލިޙް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު
ނެއިބަރހުޑް ފަސްޓް އަދި ރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލު ވަނީ ގުޅިލާމެހިފައި: އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް
 
ރައީސް ސާލިހާއި ބައްދަލުވުމަކީ ލިބުނު ޝަރަފެއް

ނެއިބަރހުޑް ފަސްޓް އަދި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލު ވަނީ ގުޅިލާމެހިފައިވާ ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާ، ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި ނެއިބަރހުޑް ފަސްޓް އަދި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލުގެ ސަބަބުން މި ޚާއްސަ ގުޅުން ކުރިއަރުވައިދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ބައްދަލު ކުރައްވާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައެވެ. 

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން، ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިންގ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑެމީގެ މަޝްރޫޢުގެ އިތުރުން ބައެއް އެހެން މަޝްރޫޢުތައްވެސް ހިމެނެއެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަޤީންކަން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ މިދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް