މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ޕީސީއާރު ޓެސްޓު ކިޓް، އުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު މަންކީޕޮކްސް ފެތުރެމުންދާތީ، ޑަބްލިއުއެޗްއޯއިން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅިދުނިޔެއަށް އިއުލާނުކޮށްފައެވެ.
މިއާއެކު ރާއްޖެއިންވެސް ވަނީ، މަންކީޕޮކްސްގެ އަލާމާތް ފެންނަނަމަ ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ބަލި ފެތުރެމުންދާގޮތް މޮނިޓަރކޮށް، ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ހެލްތު މިނިސްޓްރީން ވަނީ، މި މަސައްކަތަށް އެހީވުމަށް ޑަބްލިއުއެޗްއޯގެ ފަރާތުން 250 ޓެސްޓު ކިޓް ހަދިޔާކޮށްފައިވާކަން ހާމަކޮށްފައެެވެ. އަދި އިތުރު ކިޓްތައް މޮބިލައިޒްކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަންނަ ހަފްތާ ތެރޭގައި އިތުރު ޓެސްޓު ކިޓްތަކެއް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑަބްލިއުއެޗްއޯގެ ފަރާތުން މަންކީޕޮކްސް ޕީސީއާރް ޓްރެއިނިންގއެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. ހޯމަ ދުވަހު މި ޓްރެއިނިން ވަރޗުއަލްކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނީ މި ޓްރެއިނިންގ ސެޝަންގައި ރާއްޖޭގެ ގިނަ އަދަދެއްގެ ލެބްތަކުން ބައިވެރިވާނެކަމަަށެވެ. އަދި މި ޓްރެއިނިންގ ނިމުމާއެކު މަންކީޕޮކްސްއަށް ޓެސްޓު ކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން މަންކީޕޮކްސް ފެނިފައިވާއިރު ރާއްޖެއިން މި ބަލި ފެނުމުގެ ފުރުސަތު އެބައޮތްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެހެންނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅައިބަލާއިރު މުޖުތަމައުގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައިވެއެވެ.
މަންކީޕޮކްސްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ޚިދުމަތްތެރިއަކަށް ދައްކައި، ބަލި ކަށަވަރުވަންދެން އަމިއްލައަށް އެކަހެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މަންކީޕޮކްސްގެ އަލާމާތަތްކުގެ ތެރޭގައި; ހުންއައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުމާއި ގޮށްލުމާއި ހަމުގައި ބިހި ނެގުން ހިމެނެއެވެ. ގިނަފަހަރަށް ބިހި ނަގަނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.