ބާސެލޯނާއަށް ކުޅެމުން އަންނަ އެމެރިކާގެ ސާޖީނިއޯ ޑެސްޓަކީ ޓީމުގެ މުސްތަގުބަލަށް މުހިންމު ޒުވާން ކުޅުންތެރިޔެއް ކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
އަޔެކްސް ދޫކޮށް ޑެސްޓް ބާސެލޯނާއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ޒުވާން ކުޅުންތެރިޔާ އަންނަނީ ބާސެލޯނާގައި މުހިންމު ދައުރެއް އާދަކުރަމުންނެވެ. ނަމަވެސް ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވެ، ޓީމު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
ޑެސްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، ޑެސްޓަކީ އޭނާގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ޑެސްޓަކީ ދުވެލި ބާރު، ޑިފެންސް ކުރުމަށް ހުނަރުވެރި ކުޅުންތެރިޔެކެވެ. އޭނާ އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއްކަން ފާހަގަ ކުރަމުން ޒަވީ ބުނީ، އެއީ ބާސެލޯނާގެ މުސްތަގުބަލަށް ވިސްނާނަމަ، މުހިންމު ޒުވާން ކުޅުންތެރިޔެއް ކަމަށެވެ.
ޑެސްޓް ވަނީ ބާސެލޯނާއަށް ބަދަލުވެ މިހާތަށް އެ ޓީމަށް ކުޅެދިން 72 މެޗުގައި ތިން ލަނޑު ޖަހާފައެވެ. އޭނާ ވަނީ އެ ޓީމާއެކު 21-2020 ވަނަ ސީޒަންގެ ކޮޕަ ޑެލްރޭ މުބާރާތް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ޒަވީ ވަނީ އެ ޓީމަށް ކުޅެމުން އަންނަ ބޮސްނިއާގެ މިރަލެމް ޕިޔަނިޗްއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. ޒަވީ ބުނީ ޕިޔަނިޗް އަކީ ވެސް އޭނާ ގަޔާވާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ އަކީ މޮޅު، ޔުނިކް ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން ޒަވީ ބުނީ، ޓްރާންސްފާ މާކެޓު ނިމިގެންދާއިރު، ކަންތައްވާ ގޮތް ޖެހޭނީ ބަލަން ކަމަށެވެ.
ބާސެލޯނާއާ ހަވާލުވެ ޒަވީ އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން ވަނި ވަރުގަދަ ކުޅުންތެރިން ހޯދާފައެވެ. އޭގެ ތެރޭގަައި ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ހިމެނެއެވެ. މީގެ އިތުރުން ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ރަފީނިއާ އާއި، ބަޔާން މިއުނިކަށް ކުޅެމުން އައި ރޮބާޓް ލެވަންޑޯސްކީ ވެސް ހިމެނެއެވެ. ދާދި ފަހުން އެ ޓީމުން ވަނީ ސެވިއްޔާއަށް ކުޅެމުން އައި ޖޫލްސް ކޮންޑޭ ވެސް ހޯދާފައެވެ.