ކ. މާލެ
|
28 މެއި 2024 | އަންގާރަ 09:15
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، މި ސީޒަނަށްފަހު އޭނާ ވަކި ކުރަން ކުލަބުން ވަނީ ނިންމާފައި
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، މި ސީޒަނަށްފަހު އޭނާ ވަކި ކުރަން ކުލަބުން ވަނީ ނިންމާފައި
ރޮއިޓާސް
ބާސެލޯނާ
އެންމެ ފަހު ވާހަކައަކަށް ވެސް ޒަވީ ހަނދާން ކޮށްދިނީ މާލީ ޙާލަތު!
ބާސެލޯނާގެ ބޯޑު މެމްބަރުން ޒަވީއާ މެދު ހިތްހަމަ ނުޖެހުނީ ވެސް، މާލީ ޙާލަތުގެ ވާހަކަ ދެއްކުމުން

ސްޕެއިންގެ ބާސެލޯނާގެ މާލީ ޙާލަތާމެދު އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އެ ކުލަބުގެ ކޯޗުކަމުން ވަކިވާ، ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ އެހެން ބުނީ އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ކުޅުނު އެންމެ ފަހު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެންމެ ފުރަތަމަ މިއަހަރުގެ ކުރީ ކޮޅު ޒަވީ ނިންމީ، ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަމުން ވަކިވުމަށެވެ. ނަމަވެސް، ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި ބޮޑު މެމްބަރުންގެ އެދުމުގެ މަތިން ފަހުން ޒަވީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑު ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން ބާސެލޯނާ އިން ކުޅުނު މެޗަކަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުލަބުގެ މާލީ ޙާލަތުގެ ވާހަކަ ދެއްކުމުން، ޒަވީ އަށް ވަނީ ބައެއް ބޯޑު މެމްބަރުންގެ ނުރުހުން އަމާޒުވެފަ އެވެ. އަދި އެ މެމްބަރުން ވަނީ ކޯޗުކަމުން ޒަވީ ވަކި ކުރުމަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ވަނީ، ކޯޗުކަމުން ޒަވީ ވަކިކުރަން ނިންމައި އެކަން އޭނާ އަށް އަންގައިފަ އެވެ.

ޒަވީ ބުނީ، ބާސެލޯނާގެ މާލީ ޙާލަތު މިހާރު އޮތީ ކުރިއަށްވުރެ ތަފާތުކޮށްކަން ސަޕޯޓަރުންނާއި، ކުލަބުދެކެ ލޯބިވާ މީހުން ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަނީ މާލީ ޙާލަތު އިތުރަށް ރަނގަޅުކޮށް، އެންމެ އުހުގައި ކުލަބު ބޭއްވުމަށް ކަމަށް ވެސް ޒަވީ ބުންޏެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ، އޭނާ ބާސެލޯނާގެ ކޯޗުކަމުން ދުރަށް ދަނީ ސަޕޯޓަރުންގެ ލޯބި ހޯދައިގެން ކަމަށެވެ. ބާސެލޯނާގެ ކޯޗުކަމުން ދުރަށްދާއިރު، އެކަމާ ފަޚުރުވެރިވާ ކަމުގައި ވެސް ޒަވީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަވީ ބުނީ، މިވަގުތު ބާސެލޯނާ ދޫކޮށް ދާން ޖެހުނު ނަމަވެސް، މުސްތަޤުބަލުގައި ބާސެލޯނާ އަށް އަލުން އައުމަކީ އޭނާ އަށް ލިބޭނެ އިތުރު ފަޚުރެއް ކަމަށެވެ. އަދި އެކަން ޙާސިލު ކުރަން އޭނާ ބޭނުންވާ ކަމަށާއި، އެކަމުގައި ވާނެ ގޮތެއް ބަލަން ޖެހޭ ކަމުގައި ޒަވީ ބުންޏެވެ. ޒަވީ ބުނީ އަބަދު ވެސް އޭނާ ހުންނާނީ ބާސެލޯނާ ދެކެ ލޯބިވާ، އެ ކުލަބުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށެވެ.

ބާސެލޯނާގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އެ ކުލަބުގެ ލެޖެންޑު، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭރު ވެސް ބާސެލޯނާގެ މާލީ ޙާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ޖުމުލަ 142 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 89 މެޗުންނެވެ. 29 މެޗަކުން ބަލިވެފައިވާއިރު، 24 މެޗު ވަނީ އެއްވަރުވެފަ އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް