ކ. މާލެ
|
27 ޖުލައި 2022 | ބުދަ 07:55
ބާސެލޯނާ އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް
އައު ސީޒަނަށް ބާސެލޯނާއިން ތައްޔާރުވުން
ބާސެލޯނާ އާއި ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
ބާސެލޯނާގެ ދެ ލަނޑު ޖެހީ ޑެމްބެލޭ، ޔުވެންޓަސްގެ ދެ ލަނޑު ޖެހީ މޮއިސް ކީން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުވެންޓަސް ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވެއްޖެއެވެ.

ޕްރީ ސީޒަންގެ އެކުވެރިކަމުގައި މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ބާސެލޯނާ ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފައެވެ. ހަތަރު ވަނަ މެޗުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނުއިރު، މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމަށް ޔުވެންޓަސް ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މޮޅުވެފައެވެ.

ދެ ޓީމު ވެސް މުހިންމު ގިނަ ކުޅުންތެރިންނާއެކު ނުކުމެ ކުޅުނު މެޗުގައި ބާސެލޯނާއިން ވަނީ ދެ ފަހަރު ލީޑު ނަގާފައެވެ. ނަމަވެސް ޔުވެންޓަސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ގޮސް 34 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޔުވެންޓަސްގެ މޮއިސް ކީން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށްފަހު، ޔުވެންޓަސްއަށް ހަމަ ނުޖެހިވިގެން އުޅެނިކޮށް ބާސެލޯނާއިން ވަނީ ދެ ވަނަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ޑެމްބެލޭއެވެ.

ބާސެލޯނާއިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮޮވެއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އަނެއްކާ ވެސް މޮއިސް ކީންގެ ލަނޑަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސް، ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

ޕްރީ ސީޒަންގެ އެކުވެރިކަމުގެ ފަހު މެޗުގައި މި މަހުގެ 31 ވަނަ ދުވަހު ބާސެލޯނާއިން ނުކުންނާނީ ނިޔު ޔޯކް ރެޑްބުލްސްއާ ދެކޮޅަށެވެ. ޔުވެންޓަސްގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

- ކޮމެންޓް