ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 13:20
އިންޑިޔާއަށް ދަތުރުކުރި މީހެއްގެ ގައިގަ މަންކީ ޕޮކްސް ހުރިތޯ ޗެކް ކުރަނީ
އިންޑިޔާއަށް ދަތުރުކުރި މީހެއްގެ ގައިގަ މަންކީ ޕޮކްސް ހުރިތޯ ޗެކް ކުރަނީ
ސައުދީގެޒެޓް
މަންކީ ޕޮކްސް
އިންޑިޔާއިން މަންކީ ޕޮކްސް ޖެހިގެން ހަތަރު ވަނަ މީހަކު ރިޕޯޓްކުރުމުން އެގައުމު އެލަރޓަށް
މިހާތަނަށް 75 ގައުމަކުން 16000 މީހުންނަށް މަންކީ ޕޮކްސް ޖެހިފައިވޭ

އިންޑިޔާގައި ހަތަރުވަނަ މީހަކަށް މަންކީ ޕޮކްސް ޖެހި އެކަން ރިޕޯޓްކުރުމުން އެގައުމު އެލަރޓްއަށް އަތުވެއްޖެއެވެ.

މިފަހަރު އެބަލި ފެނިފައިވަނީ ވެރިރަށް ދީއްލީއަށް ނިސްބަތްވާ، އުމުރުން 34 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. ނަމަވެސް އޭނާއަކީ ބޭރު އެއްވެސް ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ޚަބަރު ލިބެއެވެ.

މަންކީ ޕޮކްސްގެ ހަތަރުވަނަ ކޭސްއެއް ފެނުމުން، އިންޑިޔާގެ ފެޑަރަލް ހެލްތު މިނިސްޓްރީ އާއި ދިއްލީގެ މައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރުގެންދަނީ އޭނާ އާއި މިފަހުން ބައްދަލުވި މީހުންނާއި އެމީހުންގެ ހާލު ބަލަމުންމުންނެވެ. މީގެ އިތުރުން އެހެންވެސް މީހުންގެ ކިބައިން ވައިރަސްގެ އަލާމާތެއް ފެނޭތޯ ބެލުމަށް ވަރަށް ގާތުން ސަރވެއިލަންސް ކުރަމުން ގެންދިއުމަށް ވެސް މައި ސަރުކާރުން ވަނީ އިދާރާތަކަށް އަންގާފައެވެ.

މިކަމާ ގުޅިގެން ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވީ ބަލި ޖެހުނު މީހާގެ ހާލު ރަނގަޅު ކަމަށާއި ހާސްވެ ކަންބޮޑުވާންވީ ސަބަބެއް އަދި ނެތް ކަމުގައެވެ. އޭނާގެ ކިބައިން އަލާމާތްފެނި ބަލިވެފައިވަނީ ހިމާޗަލް ޕްރަދޭޝް ސްޓޭޓަށް ގޮސް ހުއްޓައެވެ. ވުމާއެކު އޭނާއަށް ބަލި ޖެހުނީ އެތަނުންތޯ ނުވަތަ އެހެން ތަނަކުންތޯ ޔަގީން ކުރުމަށް ސަރވެއިލަންސް ޓީމްތަކުން ދަނީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިޔާއިން ކުރިން މަންކީ ޕޮކްސް ޖެހުނު ތިން މީހުންނަކީ ކެރަލާ ސްޓޭޓަށް ނިސްބަތްވާ ތިން މީހުންނެވެ. އެތިން މީހުންނަކީވެސް ގަލްފްގެ ގައުމުތަކުގައި އުޅުމަށްފަހު އިންޑިޔާއަށް އެނބުރި ދިޔަ މީހުންނެވެ.

ޑަބްލިއުއެޗްއޯއިން މިދިޔަ ހަފްތާގައިވަނީ މަންކީ ޕޮކްސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ހެލްތު އިމްރޖެންސީއެއް ކަމަށް ކަނޑައަޅާ އެކަން އިއުލާންކޮށްފައެވެ. މިހާތަނަށް 75 ގައުމަކުން 16000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މަންކީ ޕޮކްސް ޖެހިގެން މިހާތަނަށް ފަސް މީހުން މަރުވެފައިވެއެވެ. މީގެއިތުރުން މަންކީޕޮކްސް ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ޔޫރަޕްގެ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ސަރަހައްދުތަކެއްގައި ހުރީ މެދުމިނެއްގައި ނަމަވެސް، ޔޫރަޕްގައި ނުރައްކާ ވަރަށް ބޮޑުކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

މަންކީ ޕޮކްސް ޖެހެނީ ކިހިނެއް

މަންކީ ޕޮކސް ޖެހެނީ އެބަލީގެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ. މި ވައިރަސްއަކީ ސްމޯލްޕޮކްސް ނުވަތަ ހިމަބިހި އާއިލާގެ ވައިރަސްއެކެވެ. ނަމަވެސް ހިމަބިއްސަށް ވުރެ ފެތުރުމުގެ ފުރުސަތު ކުޑަ އަދި ނުރައްކާވެސް ކުޑަކަމަށް މާހިރުން ވިދާޅުވެއެވެ. ބަލި އާންމު ގޮތެއްގައި ޖެހެނީ ބަލިޖެހިފައިވާ މީހަކާ ގައިގޯޅިކޮށް ބައްދަލުވުމުންނެވެ. ވައިރަސް ހަށިގަނޑުގެ ތެރެޔަށް ވަންނަނީ ހަންގަނޑުގައި ކެންޑިފައި ހުންތަނެއް ނުވަތަ ފާރުކޮޅަކުން ނޭވާލުމުގެ ނިޒާމުގެ ތެރެއިން އަދި ލޯ، ނޭފަތް ނުވަތަ އަނގައިގެ ތެރެއިންނެވެ.

ބަލި ޖެހުމުން ފެންނަ އަލާމާތްތަކަކީ ކޮބާ؟

މަންކީ ޕޮކްސް ޖެހުމުން ފުރަތަމަ ފެންނަ އަލާމާތަކީ ހުން އައުން، ބޮލުގައި ރިއްސުން ބައެއް ގްލޭންޑްތައް ދުޅަވުން، ބުރަކަށީގައި ރިއްސުން އަދި ގައިގައި ރިއްސުމެވެ.

ދެތިން ދުވަހު ހުން އައިސް، ހުން މަޑުވުމަށްފަހު ގައިގެ ހަންގަނޑުގައި ފޮޅުތަކެއް ނަގައެވެ. ފުރަތަމަ ފޮޅު ނަގަނީ މޫނުމަތީގައެވެ. އެއަށް ފަހު އަތްތިލަޔާއި ފައިގެ ދަށް ފުށުގައި ފޮޅު ނަގައެވެ. މި ފޮޅުތަކަކީ ވަރަށް ހިރުވާ އަދި ތަދުވާ ފޮޅުތަކަކަށް ވެސް ވެދާނެއެވެ. ކުދިކޮށް ނަގާ ފޮޅުތައް ބޮޑުވެ، ފެން އެރި އަދި ފަޅައިގެން ގޮސް އެންމެ ފަހުން ކުރަމަގާލިއަށް ބަދަލުވެއެވެ. މި ކުރަމަގާލި ކޮޅު ވެއްޓުމުން ލަކުނަށް ބަދަލުވެއެވެ.

މަންކީ ޕޮކްސް ޖެހޭތާ ސާދަ ދުވަހާ އެކާވީސް ދުވަހުގެ ތެރޭ ބަލިން ފަސޭހަވެއެވެ.

- ކޮމެންޓް