ކ. މާލެ
|
24 ޖުލައި 2022 | އާދީއްތަ 21:14
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖެއެމްވީ
ޑިމޮކްރަސީ ދުވަސް ފާހަގަކުރުން
ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން، ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް މަޖިލީހުން ބާއްވަނީ
 
ކުރެހުމާއި މަޒުމޫނު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ސެޕްޓެމްބަރު 2022
 
ދެ މުބާރާތުގައިވެސް ވަކިވަކިން އުމުރުފުރާތައް ވަނީ ކަނޑައަޅާފައި

ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނުލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ އިދާރާއިން ވަނީ މިގޮތަށް ނިންމައި, އެ ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. މިއީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުބާރާތްތަކެއްކަމަށް މަޖިލީހުން ބުނެއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މި މުބާރާތުގެ ތީމަކީ "ރައްޔިތުންގެ ވެރިކަން - ރައްޔިތުންގެ މަޖިލީހުގެ ދައުރު"އެވެ.

މި މުބާރާތަށް ހުށައަޅާ ހުށައެޅުންތައް ވާންވާނީ އެމީހެއްގެ އަމިއްލަ އުފެއްދުމަކަށްކަމަށެވެ. އަދި މުބާރާތުގައި މަޒުމޫނު ލިޔާނީ، ލިޔުންތެރިކަމުގެ ތެރޭގައި ހިމެނޭ މަޒުމޫނު ލިޔުމުގެ އެކިއެކި ވައްތަރުތައްކަމުގައިވާ، ސިފަކުރާ މަޒުމޫނާއި، އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނާއި، ދެކޮޅަށް ވާހަކަދައްކާ މަޒުމޫނާއި، ދެކޭ ގޮތް ހާމަކުރާ މަޒުމޫނުގެ ވައްތަރުތަކަށެވެ. އަދި ފޮތްތަކާއި ލިޔުންތައް، އަދި ތަފާސް ހިސާބުތައް ހިމަނާނަމަ ރިފަރެންސް ހިމަނަން ވާނެއެވެ.

މި މުބާރާތްތަކަށް ހުށަހެޅުން ހުށަހަޅަން 4 އުމުރުފުރާއަކަށް ވަނީ ބަހާލާފައެވެ. އެއީ 35 އަހަރުން މަތި، 25 އަހަރާ 18 އަހަރާ ދެމެދު، 18 އަހަރާ 14 އަހަރާ ދެމެދު އަދި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި އުމުރުފުރާތަކުން މަޒުމޫނު ހުށަހަޅަން ޖެހޭނީ އެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ ވޯރޑް ލިމިޓަށެވެ.

ކުރެހުމުގެ މުބާރާތައް ހުށަހަޅާ ހުށައެޅުންތަކުގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި މުޖުތަމައުގެ އާއްމު އަޚުލާގާއި މިންގަނޑުތަކާ ތައާރުޒުވާ މަންޒަރެއް ނުވަތަ މެސެޖެއް ހިމެނިގެން ނުވާނެއެވެ. އަދި ކުރެހުން ވާންވާނީ 12x18 އިންޗީގެ ކުރެހުމަކަށް ކަމަށާއި, ކުރެހުމުގައި އެއްވެސް ލިޔުންކޮޅެއް ހިމަނާނަމަ، ލިޔުންކޮޅު ހުންނަން ވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން، އަތުލިޔުމުން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މުބާރާތްތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މަޖިލީހުން ވަނީ ފައިސާގެ އިނާމު ކަނޑައަޅާފައެވެ. އެގޮތުން ދެ މުބާރާތުގައިވެސް ކޮންމެ އުމުރުފުރާއަކުން އެއްވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ ލިބޭއިރު، ދެވަނައަށް 1500 ރުފިޔާ، އަދި ތިންވަނައަށް، 1000 ރުފިޔާ ލިބޭނެއެވެ. އަދި މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާ ލިބޭއިރު، ދެވަނައަށް 4000 ރުފިޔާ، އަދި ތިންވަނައަށް 3000 ރުފިޔާ ލިބޭނެއެވެ.

މި މުބާރާތަށް މަޒުމޫނާއި ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. މުބާރާތުގެ ވަނަތައް ހޮވާނީ މަޖިލީހުން ކަނޑައަޅާފައިވާ ޚާއްސަ ކޮމެޓީއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް