އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ދެއްވައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ފްލެޓުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރުގައި 360 ފްލެޓް ޤާއިމުކޮށްފައިވެއެވެ.
އެގޮތުން ބަލާއިރު، ސްޓެލްކޯހިޔާއަށް މުވައްޒަފުން ޔަގީންކަމާއެކު ވަންނާނެ ތާރީހާއި، އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި، 1+2 އެޕާޓްމަންޓްތަކުގެ މަހުކުލީގެ ގޮތުގައި ނަގާނެ މިންވަރުގެ އިތުރުން، ސުވިމިންޕޫލެއްގެ މަސައްކަތް ހިމެނޭހެން ސްޓެލްކޯހިޔާގެ ފްލެޓްތަކުގެ ވެލިއު އިތުރުކުރުމަށްޓަކައި، ކުރަންޖެހޭ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން، އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ދެއްވިއެވެ.
ހަމައެއާއެކު، އެ ކުންފުނިން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުއެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމުގެ ޚަބަރުވެސް މުވައްޒަފުންނަށް ދެއްވާފައިވެއެވެ.
މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވަނީ އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ފްލެޓުތަކަށް ވަދެވޭނެކަން ފާހަގަ ކުރައްވައި، އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ އަގުތައް އިއުލާނު ކުރައްވާފައެވެ.
ފްލެޓުތަކަށް ނަގާނެ ކުއްޔަށް ބަލާއިރު، 1 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 5،622ރ، އަދި މެއިންޓަނެންސް ފީއަށް 1،000ރ ނަގައެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 10353ރ. އާއި 10652ރ. އާ ދެމެދުގެ އަގެއް ނަގާއިރު، މެއިންޓަނެންސް ފީއަށް 1،300ރ ނަގައެވެ.
ސްޓާފުންނަށް ލުއިގޮތްތަކެއް ހޯދައިދޭން ބޯޑުގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެގޮތުން، ކުލި ދެއްކުމުގައި ލުއި ދިނުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އިންފެށިގެން ކުލި ނަގާގޮތަށް ގްރޭސް ޕީރިއަޑެއް ދޭން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އެއް އަހަރު ވަންދެން ފްލެޓްތަކުގެ މެއިންޓަނެންސް ހަރަދުތައް ބަލަހައްޓާނީ ސްޓެލްކޯއިންކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހަމަޖެހެންދެން އެކަންވެސް އެ ކުންފުނިން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.