އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު އެއްވަރުވެއްޖެއެވެ.
މިއީ ޕްރީ ސީޒަންގައި ޔުނައިޓެޑު ކުޅުނު ހަތަރު ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑުން ވަނީ ވާދަވެރި ލިވަޕޫލް ބަލިކޮށްފައެވެ. މިއީ އައު ކޯޗު އެރިކް ޓެން ހާގުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު މެޗަކުން މޮޅުނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
އެސްޓަން ވިލާއަށް ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯޑަން ސަންޗޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެއީ އެސްޓަން ވިލާގެ މަޓީ ކޭޝްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ ޔުނައިޓެޑުން ކުޅެމުން ދަނިކޮށް، ދެ ވަނަ ހާފުގެ ކުރީ ކޮޅު އެސްޓަން ވިލާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް މި ލަނޑު ޖަހައިދިނީ ލިއޯން ބައިލޭއެވެ. އެ ޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ތިން މިނެޓުގެ ތެރޭގައެވެ. އެ ލަނޑު ޖެހީ ކަލުމް ޗެމްބަރސްއެވެ.
ޕްރީ ސީޒަންގެ މެޗެއްގައި ދެން ޔުނައިޓެޑުން ނިކުންނާނީ ސްޕެއިންގެ އެތުލެޓީކޯ މެޑްރިޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.