ކ. މާލެ
|
23 ޖުލައި 2022 | ހޮނިހިރު 08:09
ދަރިވަރުންތަކެއް އެމްއެންޔޫ ކެމްޕަސްތެރޭގައި
ދަރިވަރުންތަކެއް އެމްއެންޔޫ ކެމްޕަސްތެރޭގައި
މުހައްމަދު ޝަރުހާން
ގަވައިދާ ޚިލާފަށް ހިންގާ ކޯސްތައް
ހުއްދައާ ޚިލާފަށް ކޯސް ހިންގާނަމަ ފިޔަވަޅުއަޅާނަން: އެމްކިޔުއޭ
އޮންލައިންކޮށް ހިންގުމުގެ ހުއްދަނުދޭ ކޯސްތައް އޮންލައިންކޮށް ހިންގާކަން ވަނީ ފާހަގަކުރެވިފައި
ގަވާއިދާ ޚިލާފަށް ހިންގާ ކޯސްތައް ބަލައިނުގަންނާނެކަމަށް އެމްކިޔުއޭއިން ބުނޭ

ދޫކުރާ ހުއްދައާ ޚިލާފަށް ކޯސްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ބުނެފިއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިންގުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ބައެއް ތަންތަނުން ކޯސް ހިންގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ. އެގޮތުން އީ- ލަރނިންގ ޑެލިވަރީ މޮޑަލިޓީ ނުވަތަ އޮންލައިންކޮށް ހިންގުމުގެ ހުއްދަދީފައިނުވާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގަން އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އޮންލައިންކޮށް ހިންގުމުގެ ހުއްދަ ދީފައިނުވާ ޕްރޮގްރާމްތައް އެގޮތަށް ހިންގުމަކީ، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފު އަމަލެއް ކަމަށްވެސް އެމްކިޔުއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތަށް ފާހަގަވާ މައްސަލަތައް އިތުރަށް ބަލައި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށް އެމްކިޔުއޭއިން ބުނެއެވެ. އަދި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ބަލައިނުގަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީއަކީ ރާއްޖޭގައި ހިންގާ ކޯސްތައް، ގައުމީ ސަނަދުގެ މިންގަނޑުތަކަށް ލެވެލްކުރުމާއި، ކޯސްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަދޭ ފަރާތެވެ.

- ކޮމެންޓް