މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަންވެސް އިތުރުވާނެ ކަމަށެވެ. އެހެން ނަމަވެސް ދަތުރަކަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަނދާންކޮށްދޭ ކަމަށެވެ.
އެގޮތުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކޮށްފަައިވެއެވެ.
އަދި ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ކަމަށާއި، އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފުލުހުން ބުނެއެވެ.