އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ، ހިލޭ ޓްރާންސްފަރއެއްގައި އޭއެސް ރޯމާއަށް ބަދަލުވެއްޖެއެވެ.
އިޓަލީގެ ރޯމާއަށް ޑިބާލާ ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސްއާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، އިޓަލީގެ އިންޓަރމިލާނުންވެސް ޑިބާލާ ހޯދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ރޯމާއިން ވަނީ ކޯޗު ހޯސޭ މޮރީނޯގެ ބޮޑު ދައުރަކާއެކު ޑިބާލާ އެޓީމަށް ގެންގޮސްފައެވެ. ރޯމާގައި ޑިބާލާއަށް އަހަރަކު ހަ މިލިއަން ޔޫރޯ ލިބޭނެއެވެ.
ރޯމާއަށް ބަދަލުވުމަށްފަހު ޑިބާލާ ބުނީ، ޓީމުގެ ކޯޗު މޮރީނިއޯގެ އިރުޝާދުގެދަށުން މަސައްކަތްކުރުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި ޓީމާއެކު އޭނާ ބޭނުންވާ ކާމިޔާބީތައް ހޯދޭނެކަމަށް ޑިބާލާ ބުންޏެވެ.
އުމުރުން 28 އަހަރުގެ ޑިބާލާ ވަނީ ޔުވެންޓަސްއާއެކު ފަސް އިޓާލިއަން ލީގު އަދި ހަތަރު ކޮޕަރ އިޓާލިއާ ކާމިޔާބުކޮށްފައެވެ. ޕަލޭމޯގައި ހުރުމަށްފަހު ޑިބާލާ ޔުވެންޓަސްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސްއަށް 293 މެޗު ކުޅެދީ 115 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. 2015 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޑިބާލާ ގައުމީ ޓީމަށް 34 މެޗު ކުޅެދިނެވެ. ޑިބާލާއަކީ މި ޓްރާސްފަރ މާކެޓުގައި ރޯމާއިން ހޯދި ހަތަރުވަނަ ކުޅުންތެރިޔާއެވެ.
ނަމަވެސް މިދިޔަ ދެސީޒަންގައި ޑިބާލާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނެއެވެ. މި ދެސީޒަންގައި އޭނާ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައެވެ.
މޮރީނިއޯގެ ކޯޗުކަމުގައި ރޯމާއިން ވަނީ ނިމުނު ސީޒަންގެ އިޓާލިއަން ލީގު ތާވަލުގެ ހަވަނާގައި ނިންމާލާފައެވެ. އަދި އެޓީމުން ވަނީ ނިމުނު ސީޒަންގެ ޔޫރޮޕާ ކޮންފަރެންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.