ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 07:06
އޮބްލަކް
އޮބްލަކް
ޓްވިޓަރ
އޮބްލަކްގެ ކުރިމަގު
އެތުލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އޮބްލަކް އައުކޮށްފި
އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ޓީމުގެ 1 ނަންބަރު ކީޕަރު ޔަން އޮބްލަކް އައުކޮށްފިއެވެ.

ސްލޮވޭނިއާ އުމުުރުން 29 އަހަރުގެ އޮބްލަކް އަކީ އެތުލެޓިކޯގެ މުހިންމު ތަނބެކެވެ. އެތުލެޓިކޯއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 23-2022 ވަނަ ސީޒަންގެ ނިޔަަލަށް ހަމަވާނެއެވެ. އެއާއެކު އޭނާ ވަނީ އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އިތުރުކޮށްފައެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބެންފީކާ ދޫކޮށް 2014 ވަނަ އަހަރު އެތުލެޓިކޯއަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް 354 މެޗު ކުޅެދީފައެވެ. އެތުލެޓިކޯގެ ގޯލް އޭނާ ބަލަހައްޓަމުން އަންނަތާ މިހާރު ވަނީ 8 އަހަރުވެފައެވެ. އޮބްލަކް ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގާއި، ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ސުޕަ ކަޕްގެ ރަނަރަޕްކަން ހޯދާފައެވެ.

އޮބްލަކް ވަނީ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި، ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ ޓީމް އޮފް ދަ ސީޒަންގައި އޭނާ ހިމެނުނުއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސްކޮޑް އޮފް ދަ ސީޒަންގައި އެކި ފަހަރު މަތިން ހިމެނިފައިވެއެވެ.

ސްލޮވޭނިއާ ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ އޮބްލަކް ވަނީ ޤައުމީ ޓީމަށް 50 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ސްލޮވޭނިއާގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމާއި، ސްލޮވީނިއާގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދާފައެވެ.

- ކޮމެންޓް