100 މެގަވޮޓް ކަރަންޓު އުފެއްދޭ އިންޖީނުގެއެއް މާލެ ސަރަޙައްދުގައި އެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯއިން) ތައްޔާރުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މާލޭ ސަރަޙައްދުގައި ޤާއިމުކުރުމަށް ތައްޔާރުވަމުންދާ 100 މެގަވޮޓްގެ އިންޖީނުގެއަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެބޮޑު އިންޖީނުގެ ކަމަށެވެ.
ޝަރީފް ވަނީ ޕްރޮޖެކްޓާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން މި ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރު ކުރިއަށްދަނީ އިންޖީނުގެ އެޅުމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ އުއްމީދަކީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި ފެށުން ކަމަށެވެ.
މި މަޝްރޫއު ނިމުމުން 2030ގެ ކުރިން ކަރަންޓު އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެކަމަށް ލަފާ ނުކުރެވޭކަމަށްވެސް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، މި ޕްރޮޖެކްޓްގައި ފުރަތަމަ ނިންމާފައި އޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ކަމަށެވެ. ނަަމަވެސް މިހާރު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫޢު ކުރިއަށްގެން ދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްގީކުރި "ފިފްތު ޕަވާ ޕްރޮޖެކްޓް"ގެ އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައި ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ސްޓެލްކޯއަކީ ރައްޔިތުން ގަބޫލުކުރާފަދަ ޚިދުމަތެއް ދޭ، ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު ކުންފުންޏަކަށް ހަދައިދެއްވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ ކަމަށެވެ. ކަރަންޓު ކެނޑުނަސް، ކަރަންޓުގެ ބިލް ބޮޑުވިޔަސް، ސްޓެލްކޯ ކުންފުންޏަށާއި، މެނޭޖްމެންޓުގެ އިތުރުން މުވައްޒަފުންނަށް އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ނުވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށާއި، ހެޔޮ ނިޔަތެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މިކަން ބަދަލުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.