ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އަބްދުލްރަހީމް (އިސޫ) ގެ ބަޔާން ނެގުމުގެ މަސައްކަތް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން (މަރު ކޮމިޝަނުން) ކުރިއަށް ގެންގޮސްފިއެވެ.
މަރު ކޮމިޝަނަށް އިސޫ ހާޒިރުކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އޭނާ ހާޒިރުކޮށް، މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވަނީ ކޮށްފައެވެ. އަދި ތަހުގީގަށް ބަޔާން ނެގުމުގެ މަސައްކަތް މަރުކޮމިޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ ތުހުމަތުގައި އޭނާގެ ގެ މ. ލެގޫންވިއު ބަލައި ފާސްކޮށްފައިވެއެވެ.
ރިލްވާނު ގެއްލުވާލި މައްސަލަ ތަހުގީގު ކުރަމުންދާ މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ރިލްވާނަށް ފާރަ ލާފައިވެއެވެ. އެކަން ރިލްވާނުގެ ޓްވީޓުތަކުންވެސް އެނގޭކަމަށް މަރު ކޮމިޝަނުން ބުނެއެވެ. މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފުރުޤާން މިސްކިތުގައި ޙަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެމްބަރުންގެ ތެރޭގައި އޭނާ ހިމެނޭކަމަށް ވަނީ ބުނެފައެވެ.
އޭނާ މީގެ ކުރިން ވަނީ ސީރިއާއަށް ދިއުމަށް ތުރުކީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ޑީޕޯޓު ކޮށްލާފައެވެ. އެ މައްސަލައިގައި އޭރު އޭނާގެ މައްޗަށް ދައުވާކުރިނަމަވެސް، ދައުވާ ބާތިލުކުރީ ސަރުކާރުގެ ލިއުމެއް ނުލިބިގެންނެވެ.
އޭގެ އިތުރުން، 2011 ޑިސެމްބަރު 10 ވަނަ ދުވަހު ދީނީ މިނިވަންކަމަށް ގޮވާލާ ބޭއްވި ސައިލެންޓް ޕްރޮޓެސްޓުގެ ބައިވެރިންނަށް ޙަމަލާ ދިނުމުގައިވެސް އޭނާ ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.
މިމައްސަލައިގައިއިސޫގެއިތުރުން،އަހުމަދުމުއާޒް (ގަޓުމުއާ) އާއި،އަހުމަދުއިސްމާއިލް (އަހަނދު) ވެސް ހައްޔަރުކުރިއެވެ.
އިސޫ ހާޒިރު ކުރުމުގެ ކުރިން، ބުރާސްފަތި ދުވަހު ވަނީ މުއާޒްވެސް ހާޒިރުކޮށް ތަހުގީގަށް ސުވާލު ކޮށްފައެވެ.
އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ 26 ޖޫން 2022 ގައެވެ. އަދި 3 މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އޭރު ކްރިމިނަލް ކޯޓުން ވަނީ ޤާނޫނު ނަންބަރު 32/2015 ގެ 26 ވަނަ މާއްދާގެ (ފ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާ ޙަވާލާދީ 60 ވަނަ މާއްދާގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެމީހުންގެ މައްޗަށް މީގެ ކުރިންވެސް ތުހުމަތުކޮށް ތަހުގީގު ހިންގާފައިވެއެވެ.
ރިލްވާން ގެއްލުވާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މަރު ކޮމިޝަނުން ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލާ ކަނޑަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކޮމިޝަނުން ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. މަރު ކޮމިޝަނުން ބުނިގޮތުގައި އޭނާ ރަހީނުކުރީ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އޭނާ މަރާލުމުގެ ކުރިން ޝަހާދަތް ވެސް ލައިދީފައިވެއެވެ.