ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 19:53
ހެރީ މެގުއާ - މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން
ހެރީ މެގުއާ - މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން
ޓްވީޓަރ
ޔުނައިޓެޑުގެ ކެޕްޓަން އިއުލާންކުރުން
ކުރިއަށް އޮތް ސީޒަނުގައި ވެސް ޔުނައިޓެޑުގެ ކެޕްޓަނަކީ މެގުއާ
ޓެން ހާގް ބުނީ އޭނާއަށް މެގުއާ ފެންނަނީ ރަނގަޅު ކެޕްޓަނެއްގެ ގޮތުގައި ކަމަށް

ކުރިއަށް އޮތް ސީޒަނުގައި ވެސް މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަނަކީ ހެރީ މެގުއާކަމަށް އެ ޓީމުން އިއުލާންކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މިއަދު ހާމަކުރި ގޮތުގައި އެ ޓީމުގެ ކެޕްޓަންއެއްގެ ގޮތުގައި ކުރިއަށް އޮތް ސީޒަނަށް ކޯޗު އެރިކް ޓެން ޖާގް ހަމަޖެއްސީ، މިހާރު ވެސް އެ ޓީމުގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރި މެގުއާ ކަމަށެވެ.

ޔުނައިޓެޑުގެ ކެޕްޓަން ކަމުގެ މަގާމު އެންމެ ފުރަތަމަ މެގުއާއަށް ދިނީ 2019 ވަނަ އަހަރު އޭނާ، ލެއިސްޓަރ ސިޓީ ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފަހުންނެވެ. ޔުނައިޓެޑުގެ ކެޕްޓަންގެ ގޮތުގައި މެގުއާ ބެހެއްޓުމަށް ނިންމާފައިވާއިރު، ނިމުނު ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވަނީ އޭނާއަށް ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތަށް ފާޑު ކިޔުންތައް އަމާޒުވަމުން ދަނިކޮށް، މެގުއާ އުޅޭ ގެޔަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޓެން ހާގް ބުނީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ އިރު، އޭނާ ހުރިހާ ކުޅުންތެރިން ދަސްކުރަން ޖެހޭ ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާއަށް މެގުއާ ފެންނަނީ ރަނގަޅު ކެޕްޓަނެއްގެ ގޮތުގައި ކަމަށާއި، އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ކަމަށެވެ. އިތުރަށް ޓެން ހާގް ބުނީ ރަނގަޅު ކެޕްޓަނަކަށް މެގުއާ ވާނެ ކަމަށާއި، އޭނާގެ ނިންމުމާމެދު ޝައްކު ނުކުރާ ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން މާދަމަ ލިވަޕޫލްއާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

- ކޮމެންޓް