ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 18:14
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުދައްރިސުންގެ ކަންކަން ބަލަހައްޓާ ކޮމިޓީ
މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލަން ހުށަހަޅައިފި
ކޮމިޓީގައި 8 މެންބަރުން ތިބޭނެ
ރިޔާސަތު ބަލަހައްޓަވާނީ އެޑިއުކޭޝަން މިނިސްޓަރ
4 ހުށަހެޅުމަކަށް ރިއާޔަތްކޮށް އެކަންކަން ބަލަންޖެހޭ

މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް, 8 ބޭފުޅުން ހިމެނޭ މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލަން ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ، މުސާރަ ބޮޑުވުމަކީ ދާއިރާއަށް ޝައުގު އިތުރުކުރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަަމަވެސް އޭގެ ފަހުން ބޮޑުވި މުސާރައިން ކުރި އަސަރު ދާނީ ކުޑަވަމުން ކަމަށާއި، މަސައްކަތަށް އައިސްފައިފާ ބަދަލުތަކުން، އުނގަންނައި ދިނުމާއި ގުޅުން ނުހުންނަ ކަންކަމުގައި ގިނަ ވަގުތު އަވަދިނެތި މުދައްރިސުން އުޅެން ޖެހުމުން ސްޓްރެސް ވުމާއި ބާރންއައުޓަށް މަގުފަހިވާކަން ހާމަވާ ކަމަށެވެ.

އަދި ފެންވަރު ރަނގަޅު މުދައްރިސުން ހޯދައި، ދާއިރާގައި ދެމެހެއްޓޭނެ ގޮތަކަށް މުދައްރިސުންގެ ވަރކްލޯޑާއ ވަރކް-ލައިފް ބެލެންސްގެ ކަންކަން މުރާޖާކޮށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ނުގެނެވިއްޖެނަމަ، ވަޒީފާ އަދާކޮށްގެން ލިބެން ބޭނުންވާ ހިތްހަމަޖެހުން ނުލިބި، އާއިލާއަށް ވަގުތު ނުދެވި އަދި ދާއިރާ ދޫކޮށްފައި ދާ ދިއުމަށް ވެސް ހައްލެއް ނުލިބި ހިނގައިދާނެކަމަށެވެ.

އެހެންކަމުން މިކަންކަން ހައްލުކުރުމަށް 4 ހުށަހެޅުމަކަށް ރިއާޔަތްކޮށް، މިކަން ހައްލުކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ، މި 4 ހުށަހެޅުމުގައި ވާ ކަންކަން ބަލައި، ހިންގަންޖެހޭ ކަންތައްތައް މިހާރަށްވުރެ އެފިޝެންޓްކޮށް ހިންގުމަށްޓަކައި މަތީ ފެންވަރުގެ ފަންނީ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށެވެ. މި ކޮމިޓީއަށް 'ޓީޗަރ އެންހޭންސްމަންޓް ކޮމިޓީ' ނުވަތަ އެކަށީގެންވާ ނަމެއް ކަނޑައެޅުމަށް ވަނީ ބުނެފައެވެ.

ރިއާޔަތްކުރުމަށް ބުނެފައިވާ ހުށަހެޅުންތަކަކީ

1 - މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް، ކުރާ މަސައްކަތާ އެކަށޭނެ ރަނގަޅު މުސާރައަކާއި އިނާޔަތްތައް ހަމަޖެއްސުން

  • މުދައްރިސުންގެ މުސާރަ ބޮޑުވުމާއެކު، ރަސްމީގަޑީގެ ބޭރުން ކިޔަވައިދިނުމާ ގުޅޭ ގިނަ މަސައްކަތްތަކެއްގައި މުދައްރިސުން ސްކޫލާއި ސްކޫލުން ބޭރުގައި މަސްއޫލު ވާންޖެހޭނެކަމަށް ބަލައި، އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް "ޓީޗަރ އެލަވަންސް"އެއް ހަމަޖެއްސުން. އަދި ސްކޫލްތަކުގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ހަމަޖައްސާއިރު ނެޝަނަލް ޕޭކޮމިޝަނުން އެކުލަވާލާފައިވާ "ޖޮބް މެޓްރިކްސް" ތަކަށް ރިއާޔަތް ކުރުން.
  • ބިދޭސީ މުދައްރިސުންނާއި ރަށުން ބޭރުގައި މަސައްކަތްކުރާ ދިވެހި ނަސްލުގެ މުދައްރިސުންނަށް ލިބޭ އިނާޔަތްތައް ތަފާތު ނުކުރުން ނުވަތަ ތަފާތު ކުޑަ ކުރުން.
  • އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ހިނގަމުންދާއިރު، މުދައްރިސުންގެ ތެރެއިން ވަކި ބަޔަކަށް ރިސްކް އެލަވަންސް ލިބޭ އަދި ނުލިބޭ މައްސަލަ މުރާޖާ ކުރުން.
  • ތައުލީމީ ދާއިރާގެ އެހެނިހެން ފަންނީ މަގާމުތަކަށް (ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން އޮފިސަރުންނާއި ކަރިކިއުލަމް ޑިވަލަޕަރުން ފަދަ މަގާމުތަކަށް)ވެސް ފެންވަރު ރަނގަޅު މީހުން ޝައުގުވެރިވެ، އަދި ލިބޭނެ ގޮތަށް، ސްކޫލްތަކުގެ މުދައްރިސުންގެ މުސާރައާއި އެލަވަންސްތަކަށްވުރެ ފަހި މިންގަނޑަކުން މުސާރައާއި އިނާޔާތްތައް ހަމަޖެއްސުން.
  • ތައުލީމީ ދާއިރާގައި 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިއުމަށް (މިނިސްޓްރީ އޮފް ފިނޭންސުން) ހުއްދަ ދީފައިވާ، ނަމަވެސް މިހާތަނަށް ވެސް ހިފެހެއްޓިފައި އޮންނަ "ނޮން-ޕްރެކްޓިސް" އެލަވަންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދާއިރާގެ ފަންނީ އިދާރާތަކުގެ ކަމާއި ގުޅުންހުރި މުވައްޒަފުންނަށް ދޫކުރަން ފެށުން.

2 - ސްކޫލްތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުން

  • ބޭނުންވާ އަދަދަށްވުރެ މުދައްރިސުން ގިނަ، އަދި ބޭނުންވާ ވަރަށް މުދައްރިސުން ނުލިބޭ ސްކޫލްތަކާއި މާއްދާތައް ދެނެގަތުމަށް ސްކޫލް ނިޒާމުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދުން. އަދި މިފަދަ މަސައްކަތެއް ފަށާފައިވާތީ މި މަސައްކަތް އަވަސްކުރުން މުހިންމު. އިތުރުވާ މުދައްރިސުންނާމެދު އަމަލުކުރާނެގޮތުގެ ރަނގަޅު އުސޫލެއް ކަނޑައެޅުން. މިގޮތުން ސްކޫލްގެ އެހެން ވަޒީފާއަކަށް ބަދަލުކުރުން، އަލުން އެހެން ވަޒީފާއަކަށް ތަމްރީނުކުރުން، އަބުރުވެރިކަމާއެކު ނިޒާމުން ނުކުތުމަށް، ކަނޑައެޅޭ ވަކި ޝަރުތުތަކާއެކު، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމެއް ހަމަޖެއްސުމަށް ވަނީ ޚިޔާލު ހުށަހަޅާފައެވެ.

3 - މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުން

  • ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގައި ދިމާވާ އުސޫލީ އަދި އިދާރީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން

4 - މުދައްރިސުންގެ ވަރކް-ލައިފް ބެލެންސް ހާސިލް ކުރުމަށް މަގުފަހިކުރުން

  • ސްކޫލްތަކުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުން، މުދައްރިސުންގެ މަސައްކަތްތައް އާދަޔާޚިލާފަށް ބޮޑުވެގެން ނުދާނެ ގޮތަށާއި، ދަރިވަރުންގެ ކިޔެވުމަށް އަސަރު ނުކުރާނެ ގޮތަކަށް ރޭވުމާއި، މުދައްރިސުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ހަފުތާއަކަށް ކަނޑައަޅާފައި އޮންނަ ވަކި ގަޑިއެއްގެ ތެރޭގައި ނިންމޭގޮތަށް ރޭވިފައި އޮންނަ މަސްއޫލިއްޔަތަކަށް ހެދުން. އަދި މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް 'ވަރކް-ލައިފް ބެލެންސް ސިޔާސަތެއް' އެކުލަވާލުން.

ކޮމިޓީ އެކުލެވިގެންވާ ގޮތް

މި ކޮމިޓީ އެކުލެވިގެންވަނީ 8 މެންބަރުންގެ މައްޗަށް ކަމަށް ދިރާސާ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

  1. މިނިސްޓަރ އޮފް އެޑިއުކޭޝަން (ކޮމިޓީގެ ޗެއަރ)
  2. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއް ކޮމިޓީގެ އޯލްޓަރނޭޓިވް ޗެއަރ، ވަޒީފާއެއްގެ ގޮތުގައި ހަމަޖެއްސުން. (މި ގޮތަށް ހުށަހެޅުމުގެ ބޭނުމަކީ ގައުމު ބިނާކުރާ އެދުރުންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޚާއްސަގޮތެއްގައި ވަރަށް ގާތުން ބައްލަވާނެކަމުގެ މެސެޖް އެ ފަންނީ ފަރާތްތަކަށް ދިނުމުގެ އިތުރުން، މުދައްރިސުންނާއި މި ދާއިރާގެ ފަންނީ މީހުންގެ ކަންކަން ފަސޭހައިން ކުރުމަށް މަގުފަހިކުރުމެވެ.)
  3. ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެންބަރެއް
  4. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ، ކަމާ ގުޅުންހުރި ދެ ޑިވިޝަން (ހިއުމަން ރިސޯސް އަދި ސްކޫލް އެޑްމިނިސްޓްރޭޝަން)ގެ މަންދޫބުން
  5. މިނިސްޓަރ އޮފް އެޑިއުކޭޝަން ކަނޑައަޅުއްވާ ޓީޗަރ ރެޖިސްޓްރޭޝަން ބޯޑުގެ މެންބަރެއް،
  6. މިނިސްޓަރ އޮފް އެޑިއުކޭޝަން ކަނޑައަޅުއްވާ ތަޖުރިބާކާރު ޕްރިންސިޕަލެއް،
  7. މަދުވެގެން 10 އަހަރު ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ 2 މުދައްރިސުން
  8. ހަރަކާތްތެރިވެ ޓީޗަރސް އެސޯސިއޭޝަނެއް ތަމްސީލުކުރާ އިސް މަންދޫބެއް.

މި ކޮމިޓީގެ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނެވެ. މި ކޮމިޓީއަކީ ސިވިލްސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކުގައި ގުޅިގެން މުދައްރިސުންގެ ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި އެކުލަވާލާ ކޮމިޓީއެކެވެ. މުދައްރިސުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް މުރާޖާކޮށް، މުދައްރިސުންގެ ވަރކްލޯޑަކީ މަސައްކަތުގެ ވަގުތާ އެކަށީގެންވާ މަސްއޫލިއްޔަތުތަކަކަށް ހަދަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

އަދި މި ކޮމިޓީގެ މައިގަނޑު މަސައްކަތްތަކަކަށް ވާނީ މި ރިޕޯޓުގެ ހުށަހެޅުން 1، 2، 3 އަދި 4 ގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު އިންތިޒާމެއްގެ މަތިން ކުރަމުން ގެންދިއުމާއި، އެކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު އެކަމަށް މަގުފަހިކުރުން ކަމުގައި މި ރިޕޯޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް
14 ޖުލައި 2022 | ބުރާސްފަތި 16:42
އައިޝާ
މީ އެންމެ ކަޑަ މިނިސްޓަރު. މި ދައުރުގަ ކަމެއް ކުރީމޭބުނަން އެތަށް ކަމެއް ކޮށްފި. ވީ ފައިދާ އަށް ވުރެ ގަިނައީ ވީ ގެއްލުން. ގައުމު ކުރިއެރުމުގެ ބަދަލުގައި ދިޔައީ ފަހަތަށް. މޮޅު އަނގަތެޅޭ އެކަމަކު ބޮލުގަ ތެއްކަމެއް ނެތް މެންބަރުން ލާއިން ވާނީ މިވަރުތާ. އެޑިއުކޭޝަން މިނިސްޓްރީ ތީ ދޮވެލަން ވެފައިން ތަނެއް.