ސްރީލަންކާ މިހާރު އޮތް ހާލަތުން އަރައިގަންނަން ބޭނުންވަނީ އެ ޤައުމުގެ ހުންގާނުގައި ހުންނާނެ ތަޖުރިބާކާރު މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ މިހާރު ހާލަތާ ގުޅޭގޮތުން އެމަނިކުފާނު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން އެ ޤައުމަށް ދިމާވެފައިވާ ސިޔާސީ އަދި އިގްތިސާދީ ކާރިސާއިން އަރައިގަންނަން އެ ޤައުމުގެ ހުންގާނުގައި ހުންނާނެ ތަޖުރިބާކާރު މީހެއް ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ލަންކާގެ ރައްޔިތުން ގުޅިގެން މި ހާލަތުން އަރައިގަންނަން ބުއްދިވެރިކަމާއެކު މަސައްކަތްކޮށް، ހައްލު ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ ހޮނިހިރު ދުވަހު ވަނީ އެ ޤައުމުގައި ގިނަ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްމަސިންގހަގެ ގެކޮޅު ރޯކޮށްލާފައިވާއިރު އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ގެކޮޅަށް ވެސް މުޒާހަރާ ކުރި ރައްޔިތުން ވަނީ ވަދެ ހަމަނުޖެހުން ހިންގާފައެވެ.
ލަންކާގެ ހާލަތު ދަށްވުމުން އެ ޤައުމުގެ ރައްޔިތުން ދަނީ ރައީސް އާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދެމުންނެވެ. ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވަން ހުންނެވި ކަމަށާއި ސިޔާސީ ޕާޓިތައް ގުޅިގެން ޤައުމު ހިންގުމަށް ފުރުސަތު ދެއްވާނެކަމަށް އިއުލާންކުރައްވާފައިވާއިރު ރައީސް ގޮތަބަޔާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. އެގޮތުން ގޮތަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވީ ޖުލައި 13ގައެވެ.
އިގްތިސާދީ ގޮތުން އައި ލޮޅުންތަކާއެކު އޭރު އެ ޤައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވެސް ވަނީ ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރަނިލް ވިކްރަމަސިންގހަ އެ މަގާމާ ހަވާލުވެވަޑައިގަތީ މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން އެ ޤައުމަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ހާލަތު ދުވަހަކަށްފަހު ދުވަހެއް ގޯސްވަމުންދާތީ އެ ޤައުމުގެ ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ރަނިލް ވިކްރަމަސިންގހަގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ހަމަޖެއްސެވީ ރައީސް ނަޝީދެވެ.