މިއަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޕޯޓްސް ކުލަބް ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ހޮވިއްޖެއެވެ.
ސިޓީން ވަނީ ބާކީ އެއް މެޗު އޮއްވާ މިއަހަރުގެ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފައެވެ. ލީގު ނިމުނު އިރު އެއްވަނަ މަގާމުގައި ސިޓީ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަ މަގާމު ހޯދި ދިވެހި ސިފައިންގެ ކުލަބަށް ލިބެނީ 12 ޕޮއިންޓެވެ. އަށް ޕޮއިންޓާއެކު ތިން ވަނަ މަގާމުގައި ކުލަބް ވެމްކޯ އޮތްއިރު، ހަތް ޕޮއިންޓާއެކު ހަތަރު ވަނަ މަގާމުގައި އޮތީ ޕޮލިސް ކުލަބެވެ. ތިން ޕޮއިންޓާއެކު އޮފު އެފްސީ ފަސް ވަނައިގައި އޮތް އިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގުޑީސް ސްޕޯޓްސް ކުލަބެވެ.
ލީގުގެ މަގާމުތަކަށް އިނާމު ހަވާލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު އޮފު އެފްސީ އާއި ގުޑީސްގެ މެޗަށްފަހުއެވެ. އެއީ ލީގުގެ އެންމެ ފަހު މެޗެވެ. މެޗަށް ނިކުތްއިރު ވެސް ދެ ޓީމަށް ވަނީ މިއަހަރުގެ ވޮލީ ސީޒަން ނިމިފައެވެ. އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި އޮފުން ވަނީ ގުޑީސްގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދާފައެވެ. މެޗުގެ ސެޓުތައ ދިޔައީ 25-22، 25-17، 26-28 އަދި 25-14 ންނެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން ސިޓީގެ ހުސެއިން ފަޒީލް، އަޙުމަދު ނަބީލް (ނައްބަ)ގެ އިތުރުން ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އާދަމް ފައިރޫޒް، ސިފައިންގެ އާދަމް ނަސީމް (އެޑަމް)، ހުސެއިން ޝާހިދު (ޝާޑު) އަދި ގުޑީސްގެ ނިލާމްއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ ހައިލަމް ހަސަންއެވެ. ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ޗެމްޕިއަން ސިޓީގެ ވިޔާނަކްއެވެ. ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ހުޒަންޓެއެވެ.
މިއަހަރުގެ ވޮލީ ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ޤައުމީ މުބާރާތް މިއަދު ފަށާނެއެވެ. މިއަދު ހަވީރު އޮންނަ ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިހެވެ. ދެ ވަނަ ސެމީގައި މިރޭ ބައްދަލުކުރާނީ ސިޓީ އާއި ސިފައިންނެވެ.